ދިވެހިރާއްޖެއަކީ މި ސަރަހައްދުގައި ސްރީލަންކާގެ އެންމެ ގާތް އަދި އެންމެ ޒަމާންވީ ވިޔަފާރީގެ ބައިވެރިޔެއް ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުންތައް މިހާރަށްވުރެ ބޮޑަށް ފުޅާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިއާ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި “މޯލްޑިވްސް ބިޒްނަސް ފޯރަމް” ގައި ވާހަކަދައްކަވަމުންނެވެ.
ދެ ޤައުމުގެ ގުޅުމަށް އެތައް ސަތޭކަ އަހަރެއް ވެފައިވާކަން ފާހަގަކުރައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ފަތުރުވެރިކަމަކީ ދެ ޤައުމުގެ އިޤްތިޞާދަށްވެސް ބޮޑެތި ފައިދާތަކެއް ކުރާ ސިނާއަތެއް ކަމަށެވެ. “ރާއްޖޭގެ ދުނިޔެ ގަބޫލުކުރާ ފަތުރުވެރިކަމުގެ ކާމިޔާބީގައި ސްރީލަންކާގެ ބައެއް ކުންފުނިތަކުން ވެސް ވަނީ އިންވެސްޓްކޮށްފައި،” ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި މި ސިނާއަތުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ އަގުހުރި ފުރުސަތުތައް އަދިވެސް އެބަހުރި ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ވިޔަފާރީގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، 2025 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ކުރެވުނު 137 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިއަކީ ދެ ޤައުމުގެ އަސްލު ޤާބިލިއްޔަތަށް ބަލާއިރު މާ ދަށް އަދަދެއް ކަމަށެވެ. އެހެންކަމުން، ވިޔަފާރީގެ މުއާމަލާތްތައް އިތުރުކޮށް، ގުޅުން ފުޅާކުރުމަށް ބޮޑުވަޒީރު ވަނީ ބާރުއަޅުއްވާފައެވެ.
ރާއްޖޭގެ މަސައްކަތްތެރިކަމުގެ ބާޒާރުގައި ލަންކާގެ 20،000 އަށްވުރެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ބޮޑުވަޒީރު ވަނީ ދިވެހިރާއްޖެއިން ލަންކާގެ ފަންނީ މުވައްޒަފުންގެ އަގުވަޒަންކުރާ މިންވަރަށް ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ލަންކާގެ ރައްޔިތުންނަށް ރާއްޖެއިން ދޭ އެހީތެރިކަމާއި މެހެމާންދާރީ އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދާދިފަހުން ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ވިއްސާރައިގައި ރާއްޖޭގެ ސަރުކާރާއި ވިޔަފާރިވެރިން އަދި ރައްޔިތުން ފޯރުކޮށްދިން އެހީތެރިކަމަށް ބޮޑުވަޒީރު ހާއްސަ ޝުކުރެއް އަދާކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ އެ އެހީތެރިކަމުން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް އާދައިގެ އެއްބާރުލުމަކަށްވުރެ މާ ވަރުގަދަ ރަހުމަތްތެރިކަމެއް ކަމަށެވެ.
ބޮޑުވަޒީރު ހަރިނީގެ ވާހަކަފުޅު ނިންމަވާލެއްވީ، ރާއްޖެއިން ވިޔަފާރިކުރުމުގައި ސްރީލަންކާ އިސްކޮށް، ދެ ޤައުމުގެ މެދުގައި އޮތް ނަމޫނާ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގަންނަވަމުންނެވެ.

