ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއި ރައްޔިތުން އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރައްވައިފިއެވެ.
މި މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސާނަޔަކެގެ ދަޢުވަތަކަށް ކުރެއްވި މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ސޯޝަލް މީޑިއާގައި ސްރީލަންކާ ބަހުން ޚާއްޞަ މެސެޖެއް ހިއްސާކުރައްވާފައެވެ. އެ މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ދަތުރުފުޅު ނިންމަވާލައްވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ، ގާތްގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއެކުގައި ކަމަށެވެ.
ސްރީލަންކާގެ ބޮޑުވަޒީރު ޑރ. ހަރިނީ މަރަސޫރިޔާއާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެކި ދާއިރާތަކުން ކުރެވުނު މަޝްވަރާތަކުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށެވެ. “އަޅުގަނޑާއި، އަޅުގަނޑުގެ އަނބިކަނބަލުން އަދި އަރިހުގައި ބައިވެރިވި ވަފުދަށް ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި ލަންކާ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވަން،” ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ދެ ޤައުމުން ގުޅިގެން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށް، އޭގެ ފައިދާ ދެ ޤައުމުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ރާއްޖެއާއި ލަންކާގެ ރަހުމަތްތެރިކަން އަބަދަށް ދެމިގެންދިއުމަށް އެދިވަޑައިގަންނަވަމުންނެވެ.
މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ދަތުރުފުޅުގައި އެކި ދާއިރާތަކުން ދެ ޤައުމުގެ ދެމެދުގައި މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

