ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސްރީލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކެގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދހިންމު 7 ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަން، ތަޢުލީމު، ކުޅިވަރު، ދިފާޢީ ދާއިރާ، އަދި ފަންނީ ތަރައްޤީ ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖެއާއި ލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ދެ ޤައުމުގެ ރައީސުން ވަނީ ހަނދާނީ ގަހެއް އިންދަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ލަންކާގެ ބޮޑުވަޒީރާއި، ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން އެހެނިހެން އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އައިޑީ ކާޑާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް އެ ޤައުމުގައި ރަސްމީކޮށް ފަށްޓަވައިދެއްވިއެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، މިފްކޯގެ އުފެއްދުންތައް ލަންކާގެ ބާޒާރަށް ތަޢާރަފުކުރުމާއި، ދެ ޤައުމުގެ އިންވެސްޓަރުން ބައިވެރިވި ބިޒްނަސް ފޯރަމެއް ބޭއްވުން ހިމެނެއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ލަންކާގެ އިންވެސްޓަރުންނާ ހިއްސާކުރެވުނެވެ.

