ޤައުމީ ޤުރްއާން މުބާރާތަށް ގެނައި ބޮޑު ބަދަލާއެކު، މުބާރާތުގައި ބައިވެރިވާނެ ފަރާތްތައް ހޮވުމަށް ބާއްވާ އޮޑިޝަން ބުރުތައް ކުރިއަށްގެންދާނެ ރަށްތައް ކަނޑައަޅައި، އެކަން ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާނުކޮށްފިއެވެ.
އެ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މުބާރާތުގެ އޮޑިޝަން ބުރުތައް ރާއްޖޭގެ ފަސް ސިޓީއެއްގެ އިތުރުން 17 ރަށެއްގައި ކުރިއަށްދާނެއެވެ. މި ރަށްތައް ކަނޑައަޅާފައިވަނީ ކޮންމެ އަތޮޅަކުން ރަށެއް އަދި ސިޓީތައް ހިމެނޭ ގޮތަށް، ވީހާވެސް ގިނަ ބަޔަކަށް ފުރުޞަތު ފަހިވާނެ ގޮތަކަށެވެ.
އޮޑިޝަން ބާއްވާ ސިޓީތަކާއި ރަށްތައް
އޮޑިޝަން ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސިޓީތަކަކީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީ އެވެ. މީގެ އިތުރުން ހއ. ހޯރަފުށި، ހއ. ދިއްދޫ، ށ. ފުނަދޫ، ނ. މަނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އއ. ރަސްދޫ، އދ. މަހިބަދޫ، ވ. ފެލިދޫ، މ. މުލި، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ތ. ވޭމަންޑޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި އަދި ސ. އައްޑޫ މީދޫގައި އޮޑިޝަންތައް ކުރިއަށްދާނެއެވެ.
މި އޮޑިޝަން ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އޮޑިޝަންތައް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޤައުމީ ޤުރްއާން މުބާރާތް ފެށުމުގެ ރަސްމިއްޔާތު ސެޕްޓެމްބަރު 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ބުރު ކުރިއަށްދާނީ ސެޕްޓެމްބަރު 11 އިން 19 އަށް މާލޭގައެވެ.

