ބޭރުގެ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރިކުރާއިރު، ޑޮލަރު އެކައުންޓާ ގުޅިފައިވާ ކާޑުތަކުން އެ ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ޓީމޫ އާއި ޝީއިން ފަދަ މަގުބޫލު އީ-ކޮމާސް ސައިޓްތަކުން ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ވިޔަފާރިކުރުމުގައި ބޭންކުން އެއްވެސް ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. ބޭންކުން ބުނީ މިހާރު ގެނެސްފައިވާ ބަދަލަކީ ހަމައެކަނި ރުފިޔާ ކާޑުން އެފަދަ ސައިޓްތަކުގައި ކުރާ މުއާމަލާތްތަކަށް ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އަމިއްލަ ބޭނުމަށް ދޫކޮށްފައިވާ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވަރަށް ގިނަ އަދަދަކަށް މުދާ ގަންނަމުންދާ ކަމަށެވެ. މީގެ ސަބަބުން ބޭންކުން ވިއްކާ ބޭރު ފައިސާގެ ބޮޑު ބައެއް ނިސްބަތުން މަދު ބަޔަކަށް ހޭދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާ ގިނަ ބަޔަކަށް ބޭނުންތަކަށް ވިއްކުމުގެ ބޭނުމުގައި، އެ ސައިޓްތަކުން ވިޔަފާރި ކުރުމަށް ޖުމްލަ ބީއެމްއެލް އިން ވިއްކާ އަދަދު ކޮންމެ ދުވަހަކަށް ކަނޑައެޅޭ ބަޖެޓެއްގެ ތެރެއިން ވިއްކުމަށް ވަނީ ނިންމާފައި،” ޝަރީފް ވިދާޅުވިއެވެ.
އީ-ކޮމާސް އަށް ކަނޑައެޅޭ ބަޖެޓް ވީހާވެސް ހަމަހަމަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި، ކޮންމެ ކަސްޓަމަރަކަށް މަހެއްގެ މައްޗަށް އެފަދަ ސައިޓްތަކުގައި ހެދޭނެ ޓްރާންސެކްޝަންގެ އަދަދު މިހާރު ވަނީ 30 އަށް ކަނޑައަޅާފައެވެ. ނަމަވެސް، އީ-ކޮމާސް ނޫން އެހެނިހެން ބޭނުންތަކަށް ބޭނުންކުރާ ސައިޓްތަކަށް މިވަގުތު އެއްވެސް ބަދަލެއް ގެނައުމަށް ނިންމާފައި ނުވާ ކަމަށާއި، އެ ސައިޓްތަކުގައި މިހާރުވެސް ބޭނުންކުރެވޭ މިންވަރަށް ކާޑު ބޭނުންކުރެވޭނެ ކަމަށް ބޭންކުން ބުނެއެވެ.

