ވައިބާ މެދުވެރިކޮށް ފޮނުވި ލިންކެއް ބޭނުންކޮށްގެން މީހެއްގެ ބެންކު އެކައުންޓުން މަކަރާއި ހީލަތުން 50,000 ރުފިޔާ ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، މ. އޮމެގާ، މޫސާ މުހައްމަދު (38އ) އެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި މައްސަލައާ ގުޅިގެން މޫސާ މުހައްމަދު ހައްޔަރުކޮށްފައިވަނީ މި ހިނގާ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ އިތުރުކޮށްދީފައެވެ.
މި ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހު މޫސާ މުހައްމަދު ވަނީ ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައެވެ. އެއަށްފަހު ވައިބާ މެދުވެރިކޮށް އޭނާ ފޮނުވި ލިންކަކަށް ވިކްޓިމް ފިތައިލުމާއެކު ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ވަނީ ކެނޑިފައެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި ފައިސާ ޖަމާވެފައިވަނީ ސީދާ މޫސާ މުހައްމަދުގެ ނަމުގައި އޮންނަ އެކައުންޓަށެވެ.
މި މައްސަލަ ފުލުހުން މިހާރު ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މިފަދަ ސްކޭމްތަކާއި މަކަރާއި ހީލަތުގެ މައްސަލަތައް އިތުރުވަމުންދާތީ، ނުދަންނަ ފަރާތްތަކުން ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުފިތުމަށާއި، އަމިއްލަ މައުލޫމާތު ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ.

