ހުޅުމާލެއިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެެވެ.
ހުޅުމާލެ ފޭސް 2 އިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ގެއްލިގެން ހޯދަމުންދަނީ ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ. އޭނާއަކީ މާލެއަށް ނިސްބަތްވާ ކުއްޖެއް ނަމަވެސް، އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި އަލްޔާ މިހާރު ދިރިއުޅެނީ ހުޅުމާލެ ހިޔާ ޓަވަރު 16 ގައެވެ.
އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ މޭ 5، 2026 ވަނަ ދުވަހުގެ ހަވީރު 16:15 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ބުނީ، ކުއްޖާ ގެއްލިގެން އުޅޭ ރިޕޯޓް ލިބުމާއެކު، ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ އަދި ފެނިފައެއް ނުވެއެވެ.
ޢާއިޝަތު އަލްޔާ ޢަލީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.

