ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ޑޭޓާ ޕްރޮޓެކްޝަން ބިލު ކުރިއަށް އޮތް ދެ ތިން ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މިއަދު އިއުލާނު ކުރައްވައިފިއެވެ. ބަންޑާރަނައިބު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ބަންޑާރަނައިބު އުޝާމް ވިދާޅުވީ ބަންޑާރަނައިބުގެ އޮފީހުން މިހާރުވެސް ވަރަށް މުހިންމު ބިލްތަކެއްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި އެ ބިލްތައް ހުށަހެޅުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބިލަކީ ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލެވެ.
މި ބިލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، “މިއީ އާންމު ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން ހާމަކަން ބޮޑު، ޖަވާބުދާރީ ކުރުވަނިވި ގޮތެއްގައި އެ މައުލޫމާތު އެއްކުރުމާއި، ޕްރޮސެސްކުރުމާއި، ބޭނުންކުރުމުގެ ނިޒާމެއް ގާއިމުކޮށް، ޒާތީ މައުލޫމާތު ނިސްބަތްވާ މީހުންގެ ހައްގުތަކާ މައުލޫމާތު އެއްކުރާ އަދި ޕްރޮސެސްކުރާ ފަރާތްތަކުގެ ޒިންމާތައް ކަނޑައަޅާ، އެ ފަރާތްތައް ރެގިއުލޭޓުކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅާނެ ބިލެއް،” ކަމަށެވެ.
މި ބިލަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެވި، ބޭރުގެ އެކިއެކި ފަރާތްތަކުގެ ފަންނީ އެހީތެރިކަމާއެކު ފަރުމާކުރެވިފައިވާ ބިލެއްކަން ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި ބިލު ތައްޔާރުކުރުމުގެ މަރުހަލާގައި ދައުލަތުގެ ގިނަ އިދާރާތަކެއްގެ އެއްބާރުލުން ލިބިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ޖުމްލަ 12 ބިލެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ. މިއަދުގެ ބައްދަލުވުމުގައި ބަންޑާރަނައިބު ވަނީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބައެއް އެހެން ބިލުތަކުގެ ތަފްސީލުތައްވެސް ނޫސްވެރިންނާ ހިއްސާކުރައްވާފައެވެ.

