ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑާޝިޕް ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވިފައިވާ ކަމަށާއި، އެމަނިކުފާނުގެ ކިބައިން ފާހަގަވީ ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ހަރުދަނާ ސިފައެއް ކަމަށް ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެެއްޖެ އެވެ.
ދިޔާނާ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލްވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެކަމާ ގުޅޭގޮތުން ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައެވެ. ދިޔާނާ ފާހަގަކުރެއްވި ގޮތުގައި މިއީ ރައީސް މުޢިއްޒުގެ ލީޑާޝިޕް ސްޓައިލް އެކަމަނާއަށް ތަޖުރިބާކުރެވުނު ފުރަތަމަ ފަހަރެވެ.
ނިމިދިޔަ އެތައް ސަރުކާރެއްގައި ޚިދުމަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެން، އެކި ރައީސުންގެ ލީޑާޝިޕް ތަޖުރިބާ ކުރައްވާފައިވާ ދިޔާނާ ވިދާޅުވީ، ރޭގެ ރިސެޕްޝަނުން ފެނިގެންދިޔައީ ވަރަށް ތަފާތު މަންޒަރެއް ކަމަށެވެ. އެގޮތުން ރޭގަނޑުގެ ފަރިއްކޮޅަށް ފަހު، ރައީސް ހުންނެވީ އެމަނިކުފާނާ ބައްދަލުކުރަން ބޭނުންވި ކޮންމެ ރައްޔިތަކާ ވަކިވަކިން ބައްދަލުކުރެއްވުމަށް ކަމަށް ދިޔާނާ ވިދާޅުވިއެވެ.
“ކޮންމެ ރައްޔިތަކާ ވަކީން ބައްދަލު ކުރައްވާ އެ އެ މީހެެއްގެ ކަންބޮޑުވުންތައް އަޑުއެއްސެވި. އަދި ނޯޓް ނަންގަވައި ބޭނުންވި ކޮންމެ ރައްޔިތަކާއިއެކު ފޮޓޯ ނެންގެވި،” ދިޔާނާ ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވި ގޮތުގައި ރޭގަނޑު 10:30 ވީފަހުން އެ ބައްދަލްވުމުން ވަޑައިގެންނެވިއިރު ވެސް ރައީސް ހުންނެވީ ހަމަ އެގޮތުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް މުޢިއްޒުގެ މި ހިތްތިރި ސިފަފުޅަކީ ހަމައެކަނި ލަންކާ ދަތުރުފުޅުގައި ފެނުނު ކަމެއް ނޫންކަން ފާހަގަކުރައްވަމުން ދިޔާނާ ވިދާޅުވީ، މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރައީސް މިގޮތަށް ރައްޔިތުންނާ ބައްދަލުކުރެއްވިކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. މިއީ ލީޑަރެއްގެ ކިބައިން ފެނުން ވަރަށް މުހިންމު އަދި އެހާމެ މަދުން ނޫނީ ނުފެންނަ ސިފައެއްގެ ގޮތުގައި ދިޔާނާ ސިފަކުރެއްވިއެވެ.
މި ބައްދަލުވުމަށްފަހު ދިޔާނާ ވަނީ ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ މި ގާތްކަމަށާއި ރައްޔިތުންގެ އަޑުއެއްސެވުމަށް ބަހައްޓަވާ ޝައުގުވެރިކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

