މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދަން ކަމަށް ބުނެ، ބައެއް ފަރާތްތަކުން އެ ގާނޫނު "އެބިއުސްކުރާ" ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އުޝާމް މިހެން ވިދާޅުވީ، ރައީސް އޮފީސް ހިމެނޭހެން ސަރުކާރުގެ އެކި އިދާރާތަކުން މައުލޫމާތު ދިނުމަށް އުޒުރުވެރިވާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އުޝާމް ވިދާޅުވީ އެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ބަންޑާރަ ނައިބުގެ އޮފީހުގެ ޒިންމާއެއް ނޫން ކަމަށެވެ.
އުޝާމް އިތުރަށް ވިދާޅުވީ ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށާއި، އެ ގާނޫނަކީ ހާއްސަ މަގުސަދެއްގައި އެކުލަވާލާފައިވާ ގާނޫނެއް ކަމަށެވެ. "އާރުޓީއައި ގާނޫނު ހެޔޮ ގޮތުގައި ހިފާ ފަރާތްތަކަށް މައުލޫމާތު ދިނުމަކީ މުހިންމު ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ފެނިގެން މި ދަނީ މިހާރަކަށް އައިސް އަމުދުން، އާރުޓީއައި ގާނޫނު އެބިއުސްކުރާ ތަން ވެސް އެބަ ފެނޭ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
އުޝާމް ފާހަގަކުރެއްވި ގޮތުގައި ބައެއް ފަރާތްތަކުން ގާނޫނުގެ ބޭނުން ހިފާ ގޮތުން، އެ މައުލޫމާތުތައް އެކުލަވާލައި ފޯރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކުން ވަރަށް ގިނަ ވަގުތު ހޭދަކުރަން ޖެހެއެވެ. ނަމަވެސް، އެ ގާނޫނު ނަހަމަ ގޮތުގައި ބޭނުންކުރަނީ ކިހިނެއް ކަމުގެ ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.
މައުލޫމާތު ހޯދުމުގެ ގާނޫނާ ގުޅޭގޮތުން މީގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބައެއް މީހުން "ޖެއްސުމަށް" މައުލޫމާތަށް އެދޭ ކަމަށާއި، އެކަމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ އަގެއް ނަގައިގެން ނޫނީ މައުލޫމާތު ނުދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

