ދަރިންނަކީ އަމާނާތެކެވެ. މާތްالله މިދުނިޔޭގައި އެއްބަޔަކަށް ދަރިން ދެއްވައެވެ. އަދި އަނެއް ބަޔަކަށް ދަރިން ނުދެއްވަވާ އިމްތިޙާނު ކުރަށްވައެވެ. އަނެއް ބަޔަކަށް ދަރިން ދެއްވަނީ ދަރިފުޅުގެ ޒަރިއްޔާއިން މައިންބަފައިން އިމްތިޙާނު ކުރެއްވުމަށެވެ.
އެފަދަ ކުދިންގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި ނުކުޅެދޭ ހާލުގައި އުފަންވާ (ހަށިގަނޑުގައި އައިބު ހުރި) ކުދިން ހިމެނެއެވެ. ނަމަވެސް ޔަޤީންވާ ކަމަކީ އަދި ޤަބޫލުކުރަންވި ޙަޤީޤަތަކީވެސް ދިރިއުޅުމުގައި މިއިން ކޮންމެ ހާލަތަކަށް ތިބާ އަޔަސް އެއީ ރަނގަޅެއް ކަމުގައެވެ.
ހަމައެހެންމެ މާބަނޑު އަންހެނުންގެ ތެރޭގައިވެސް ތަފާތު ސިއްޙީ މައްސަލަތައް ހުންނަ އަންހެނުންވެސް އެބައުޅެއެވެ. ކަން އެހެން އޮތަސް އެފަދަ އަންހެނުންވެސް ދަރިފުޅަށް ޓަކައި އެދަރިފުޅު ބަނޑުބޮޑުވި ފުރަތަމަ ދުވަހުން ފެށިގެން ބަރާބަރަށް ޑޮކްޓަރަށް ދައްކާ އަދި ޑޮކްޓަރު ދެއްވާ އިރުޝާދަށް ޢަމަލުވެސް ކުރަމުންދެއެވެ.
ނަމަވެސް މިފަދަ އަންހެނުންވެސް ދަރިފުޅު ވިހާނެކަމުގެ އުންމީދުގައި ތިއްބާ ފަހު ވަގުތު ކޮންމެވެސް ސަބަބެއް މެދުވެރި ވެގެން ސިޒޭރިއަން ހަދަން ޖެހެނީއެވެ. މިއީ ގައިމުވެސް އެއްވެސް މަޔަކު ބޭނުންވާނެ ގޮތަކަށް ނުވެއެވެ.
ނަމަވެސް އަންހެންމީހާ އަކީ މިދެންނެވި ކަހަލަ ސިއްޙީ މައްސަލަތަކެއް ހުންނަ މީހަކަށް ވުމުން މާބނަޑުއިރު ލޭމައްޗަށް ދިއުމާއި ފިޓުޖެހުން ފަދަ ކަންކަން ހުރުމުގެ ސަބަބުން އިތުރަށް ބޭސް ދޭން ވެއްޖެނަމަ ދަރިފުޅަށް ގެއްލުން ވެދާނެތީ ސިޒޭރިއަން ހަދަންޖެހެނީއެވެ.
ޤަބޫލުކުރަންވީ މިއީ ހައްތަހާވެސް އިމްތިޙާނު ކަމެވެ. ދުވަސް ފުރާ ވިހޭ ކުއްޖަކަސް އަދި ސިޒޭރިއަން ހަދައިގެން ދުވަސްނުފުރާ ނެގި ކުއްޖަކަސް މިދެކުދިންގެވެސް ސިއްޙީ މައްސަލައެއް ނެތިއްޔާ ވިހިއިރު ބޮޑު އަދި ބަރު ކުއްޖާއާއި ދުވަސްނުފުރާ ނެގި ކުޑަ އަދި ލުއި ކުއްޖާގެ ހެދިބޮޑުވުމުގައި ފަރަޤެއް ނާންނާނެ ކަމެވެ.
ފަރަޤަކީ ދުވަސް ފުރުނު ކުއްޖާއަށް މަންމަ ބަނޑުގައި އޮވެ ލިބެންޖެހޭ ހުރިހާ ކާނާއަކާއި ހަކަތައެއް ލިބުމެވެ. މިގޮތުން ދުވަސް ނުފުރާ ނެގި ކުއްޖާ 9 މަހާއި 9 ދުވަސް ފުރިހަމަ ކުރާނީ މަންމަގެ ބަނޑުން ބޭރުގައި އޮވެގެން ކަމުގައި ވުމުން އަންނަ ފަރަޤެވެ.
މިދެކުދިންނަކީވެސް ސިއްޙީގޮތުން މައްސަލައެއް ނެތް ދެކުދިން ކަމުގައި ވާނަމަ މުސްތަޤުބަލުގައި ހަމަ ސުޕާ ބޭބީސް އެވެ. ދުވަސް ނުފުރާ ނަގަންޖެހުމުން އެކުއްޖާ ވަގުތީ ގޮތުން “ޕްރީމެޗުއަރ” ޓެގު އަޅަން ޖެހުނަަސް އެކުއްޖާ އަކީވެސް މުސްތަޤުބަލުގައި އިންޝާالله ސުޕަ ބޭބީއެކެވެ.
ވީމާ މިގޮތަށް މިފަރަޤު ހުރުމުން މިކުއްޖާ ހާދަ ކުޑައޭ މިކުއްޖާ ހާދަބޮޑޭ ކިޔާ ވާހަކަ ނުދައްކާށެވެ. ކޮންމެ ކުއްޖަކީ ތަފާތު ކުއްޖެކެވެ.

