ދިފާޢީ ދާއިރާއިން މީހުން ބިނާކުރުމާއި ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް، އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދިފާޢީ ދާއިރާއިން ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ގިނަ ކަންތައްތަކަކާ މެދު ފުޅާ ދާއިރާއެއްގައި ވާހަކަދެކެވުނެވެ. ދިozhbl،ފާޢީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކުގައި އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމާއި، އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ އިތުރުން ސަރަހައްދީ ހަމަޖެހުން ޤާއިމްކުރުމުގެ މައްޗަށެވެ.
ބައްދަލުވުމުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވަނީ ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ފޯރުކޮށްދެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަކީ ސަލާމަތީ ގޮންޖެހުންތަކަށް އިޖާބަދިނުމަށް ކޮންމެހެން މުހިންމު ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިއާއަކީ ރާއްޖޭގެ ދިފާޢީ ކަންކަމުގައި ދިގު މުއްދަތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޤައުމެކެވެ. އެގޮތުން އެންމެ ފަހުން އޮސްޓްރޭލިއާ ސަރުކާރުން ދިވެހި ސިފައިންނަށް ހަދިޔާކުރި "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓަކީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ލިބިފައިވާ މުހިންމު ވަސީލަތެއްކަން ސަރުކާރުން ފާހަގަކުރެއެވެ.

