އެމްޓީސީސީން ދެމުންގެންދާ ޓެކްސީ ލައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތައްޔާރުކޮށްފައިވާ މޯބައިލް އެޕްލިކޭޝަން، އަންނަ ހަފުތާގެ ތެރޭގައި އާންމުންނަށް ބޭނުންކުރަން ފެށޭނެ ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ އެމްޓީސީސީގެ ޓެކްސީ ލައިން އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރއިން އެޕްރޫވްކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެޕް ސްޓޯރއިން އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. މިވަގުތު މި ޚިދުމަތް ދެމުންދަނީ ވެބް ބޭސްޑް އެޕްލިކޭޝަނެއްގެ ޒަރިއްޔާއިން ކަމަށްވީ ނަމަވެސް، މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ސީދާ ބުކިން ހެދޭނެ އިންތިޒާމު ހަމަޖެހުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން މަސައްކަތް ކުރަނީ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. އެޕްލިކޭޝަންގެ ޒަރިއްޔާއިން ޚިދުމަތް ދޭން ފެށުމުން މައްސަލަތައް މަދުވެ، ޓްރަބަލް ފްރީ ޚިދުމަތެއް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ. މި ޚިދުމަތް އިތުރަށް ރަނގަޅުކުރުމަށްޓަކައި ވުޒާރާއާއި އެމްޓީސީސީ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމްޓީސީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓެކްސީއަކަށް އެދި ގުޅާ ހިސާބުން ފެށިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8 މިނެޓެވެ. އެޕްރީލް 13 އިން 18 އަށް އެކަނިވެސް 11,128 ދަތުރު ކޮށްފައިވާއިރު، ވެބް އެޕްލިކޭޝަން ލޯންޗުކުރި ފަހުން އެޕްރީލް 18 އިން މެއި 1 އާ ހަމައަށް 7,251 ދަތުރު ވަނީ ނަގާފައެވެ. މާލޭގެ ދަތުރުތަކަށް ބަލާއިރު، ޚިދުމަތް ފެށީއްސުރެ ދަތުރުތައް ނަގާ މިންވަރު 50 އިންސައްތަ އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގެ ދަތުރުފަތުރުގެ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ މިމަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިހާރުވެސް ވެބްސައިޓްގެ އިތުރުން ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެން ޓެކްސީ ބުކް ކުރެވޭނެއެވެ. މި ހުރިހާ ދަތުރުތަކެއްވެސް ކުރަމުންދާނީ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ކަނޑައަޅާފައިވާ ރަސްމީ އަގުތަކުގައެވެ.

