މާލޭގެ ޓެކްސީ ހިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދިނުމަކީ ރައްޔިތުންގެ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަނުމެއް ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓެކްސީ ހިދުމަކީ އަސާސީ ހިދުމަތެއް ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ހިދުމަތް ރައްޔިތުން ބޭނުންވާ ފެންވަރަށް ގެނައުމަށް ކަމަށެވެ. އެގޮތުން އެމްޓީސީސީން މި ހިދުމަތް ދެނީ ވަކި ކަހަލަ މިންގަނޑުތަކެއްގައި، ރައްޔިތުން ބަލައިގަންނަ ފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންމެ ހިދުމަތެއް ފެށި ނަމަވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ ކަމަށެވެ. "ޓެކްސީ ހިދުމަތް އެމްޓީސީސީން ފެށިއަސް، މުޅި ސަރުކާރު އެއްކޮށް ފެށިއަސް ހަމަ ހުންނާނެ ފްލޯސް. ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ. މިސާލަކަށް ކޯލް ނެގުން، މިސާލަކަށް ދަތުރުތަކަށް ބަރާބަރަށް އެޓެންޑްވުން. ދަތުރުތަކުގެ ތެރޭގައި ޑްރައިވަރާއި ޕެސެންޖަރުންނާއި މުއާމަލާތް ކުރާއިރު ރީތި ބަހުން ވާހަކަ ދެއްކުން،" ސައީދު ވިދާޅުވިއެވެ.
އެމްޓީސީސީގެ ތަފްސާހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އޭޕްރިލް 13 އިން 18 އަށް އެ ކުންފުނިން 11,128 ދަތުރު ކޮށްފައިވާ ކަމަށެވެ. އަދި ކަސްޓަމަރަކު ގުޅައިގެން ކާރު ލިބުމާ ހަމައަށް އެވްރެޖްކޮށް ހޭދަވަނީ 8.5 މިނެޓް ކަމަށާއި، މާލޭގެ ދަތުރުތައް 50 އިންސައްތަ އިތުރުވަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހިދުމަތް އަދި އޮތީ ވަރަށް ކުރީކޮޅު މަރުހަލާއެއްގައި ކަމުން ހުރިހާ ކޯލްތަކަށް އެޓެންޑް ނުވެވިދާނެ ކަމަށެވެ. ނަމަވެސް ރައްޔިތުން ހިދުމަތް ބޭނުންކުރާ ނިސްބަތް އިތުރުވަމުންދާ ކަމަށާއި، އެމްޓީސީސީން ދޭ ހިދުމަތުގެ ކޮލިޓީ ވެސް ރަނގަޅު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ނިންމަވާލައްވަމުން ސައީދު ވިދާޅުވީ، ޓެކްސީ އެސޯސިއޭޝަނާއެކު ވެސް ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ހިޔާލުތަކަށް ރިއާޔަތްކޮށް ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

