ފ. ފީއަލީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު ބިދޭސީ މީހާ މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.
އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި، އެ މީހާއަށް އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ތެޔޮ ދޯނީގައި މަސައްކަތްކުރާ މި މީހާގެ ހަށިގަނޑުގެ 60 އިންސައްތަ ވަނީ މި ހާދިސާގައި ފިހިފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، މަރުވި ބިދޭސީ މީހާގެ ހަށިގަނޑު މި މަހުގެ 5 ވަނަ ދުވަހު ވަނީ އޭނާގެ ގައުމަށް ފޮނުވާލާފައެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 9:15 ހާއިރު ހިނގި މި ހާދިސާގައި، ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ނުވުމުގެ ސަބަބުން ކައިރީގައި އޮތް އިތުރު ތިން ދޯންޏެއްގައި ވެސް ވަނީ އަލިފާން ރޯވެފައެވެ. ގަޑިއިރެއްހާ އިރުގެ މަސައްކަތުން އަލިފާން ނިއްވާލެވުނުއިރު، އެ ހަތަރު ދޯނި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ.
މީގެ އިތުރުން، މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގައި ހުރި އައިސް ޕްލާންޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެ، ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. ފީއަލީ ކައުންސިލުން ލަފާކުރާ ގޮތުގައި މި ހާދިސާގެ ސަބަބުން ލިބުނު މާލީ ގެއްލުމުގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެއެވެ.

