ސަރުކާރުން ހުޅުމާލޭގައި ތަރައްގީކުރަމުންދާ މީޑިއާ ވިލެޖުގެ މަސައްކަތްތައް އަންނަ ޖޫން މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. ތަރުޖަމާނު މިހެން ވިދާޅުވީ ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ “ޕްރެސަރ ވިތު ދަ ސްޕޮކްސް” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.
ރާއްޖޭގެ މީޑިއާތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ތަރައްގީކުރާ މި މީޑިއާ ވިލެޖު ހުންނަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެވެ. ތަރުޖަމާނު ވިދާޅުވީ މަސައްކަތް ހަވާލުކޮށްފައި އޮތް ވުޒާރާ ބަދަލުވި ނަމަވެސް، މަސައްކަތުގެ ދުވެއްޔަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ.
މި މަސައްކަތާ ގުޅޭގޮތުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، “އެ ބޭފުޅުން ދެއްވި މައުލޫމާތަކީ އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ މެއި މަސް، ޖޫން މަހުގެ ނިޔަލަށް އެެއްކޮށް ނިންމޭނެ ކަމަށް. މިހާރު މަސައްކަތް ނިމުމާ ކައިރިވެފައި އޮތްކަމަށް އެހެން ނަމަވެސް އެންމެ ލަސްވެގެންވެސް ޖޫން މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ،” ކަމަށެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މީޑިއާ ވިލެޖުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މީޑިއާތަކުން ބޮޑު ކުލީގައި އޮފީސްތަކާއި ސްޓޫޑިއޯތައް ހިންގަން ޖެހުމުން ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް 34 ޖާގަ ހިމެނޭހެން މި ވިލެޖު ތަރައްގީކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިތަން ނިމުމުން މީޑިއާތަކަށް ބޭނުން ހިފުމުގެ ފުރުސަތު މިއަހަރުގެ މެދުތެރޭގައި ހުޅުވާލާނެއެވެ.
މީޑިއާ ވިލެޖު ގާއިމުކުރަނީ ހުޅުމާލޭގައި ކުރިން އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްގީކުރަން ފެށި އިމާރާތުގައެވެ. “މަންހަޓަން ގްރޭންޑު” ގެ ނަމުގައި މި އިމާރާތް އަލުން ތަރައްގީކުރާއިރު، އޭގެ ތިން ފަންގިފިލާއެއް ނުވަތަ ފަސް ފަންގިފިލާއެއް ހާއްސަކުރަނީ ރައީސް މުޢިއްޒުގެ މުހިންމު ހަތަރު ވަޢުދެއް ފުއްދުމަށެވެ. މީގެ ތެރޭގައި މީޑިއާ ވިލެޖުގެ އިތުރުން ޔޫތު ސެންޓަރަކާއި، މެޑިކަލް ކޮލެޖެއް އަދި ތަރިކަ ކޮލެޖެއް ހިމެނެއެވެ.

