ރާއްޖޭގައި މި ދުވަސްވަރު އިންފުލުއެންޒާ ފެތުރޭ މިންވަރު އިތުރުވަމުން ދިއުމާއި ގުޅިގެން، ކުރިއަށް އޮތް އީދު ބަންދުގެ ކުރިން ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުމަށް އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު މުޙައްމަދު އަލީ އިލްތިމާސްކުރައްވައިފިއެވެ.
ޑރ. މުޙައްމަދު އަލީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ދުވަސްވަރު އިންފުލުއެންޒާ ޖެހޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އީދު ބަންދުގެ ދެ ހަފުތާ ކުރިން އިންފުލުއެންޒާ ވެކްސިން ޖެހުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ވެކްސިން ޖެހުމަށް ބާރުއަޅުއްވަމުން ޑޮކްޓަރު އިތުރަށް ވިދާޅުވީ، “ހަށިގަނޑުގައި ވެކްސިން މަސައްކަތް ކުރަން ދެ ހަފުތާ ވަރު ނަގާނެ” ކަމަށެވެ. އެހެންކަމުން ބަންދުތެރޭގައި ބަލިން ރައްކާތެރިވެ ތިބުމަށްޓަކައި ދުރާލާ ވެކްސިން ޖެހުން މުހިއްމެވެ. އިންފްލުއެންޒާ އަކީ ވައިރަހަކުން ޖެހޭ ބައްޔަކަށްވާއިރު، އޭގެ ތެރޭގައި އޭ، ބީ އަދި ސީ ވައިރަސް ހިމެނެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ މާލެ ސަރަހައްދުގައި އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.
އަރިދަފުސް ރޯގާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސައިބޯނިލައިގެން ގަވާއިދުން އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން އިރުޝާދުދެއެވެ. އަދި އަރިދަފުސް ރޯގާ ހުރި ނަމަ ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަގަޅަށް ނިވާކުރުމަށް ސަމާލުކަން ދޭންޖެހެއެވެ.
މީގެ އިތުރުން، ހުންއައިސް ރޯގާޖެހި ތިން ދުވަހަށްވުރެ އިތުރުވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުމަކީ ބަލި އިތުރަށް ގޯސްވިޔަނުދިނުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

