މި މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދުމަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި، 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައް ހޯދުމަށް ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ކާމިޔާބު ހަރަކާތެކެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މިދިޔަ ހޯމަ ދުވަހު ރާއްޖެއައި ފްލައިޓަކުން އެތެރެކުރި ހަތް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ހިންގި "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެކެވެ. މި މަސައްކަތުގައި ޑްރަގް އެންފޯސްމަންޓާއި ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ވަނީ މަސައްކަތް ކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫއަށް ނިސްބަތްވާ 27 އަހަރުގެ ދިވެހި ފިރިހެނަކާއި، ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ. މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކަލައިދޫ މީހާ ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓެއް ބަލައިފާސްކޮށް، އިތުރު 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ވަނީ ހޯދާފައެވެ. މިއާއެކު، ކަސްޓަމްސްއިން ފުލުހުންނާ ހަވާލުކުރި ތަކެއްޗާއެކު މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ޖުމުލަ ބަރުދަން 21 ކިލޯއަށްވުރެ ގިނަވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

