ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށްޓަކައި މާލެ އާއި އައްޑޫ ސިޓީގައި ޖުމްލަ ހަތް ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އައްޑޫ ސިޓީ ހިތަދޫގައި ފަސް ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލޭގައި ދެ ފޮށި ބެހެއްޓުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ މައިގަނޑު ދެ ޕާޓީގެ ކެންޑިޑޭޓުންނެވެ. އެގޮތުން ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އަހުމަދު ސައީދު (ސޮޑާ) ވާދަކުރައްވާއިރު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ކުރިމަތިލައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާގެ ކެންޑިޑޭޓުން ކަނޑައެޅުމުގެ މަރުހަލާގައި، އެމްޑީޕީގެ ޓިކެޓު ސޯބެއަށް ލިބިވަޑައިގަތީ އިތުރު މީހަކު އެ ޕާޓީގެ ފަރާތުން ކުރިމަތިނުލާތީއެވެ. ޕީއެންސީގެ ޓިކެޓު ސޮޑާއަށް ދީފައިވަނީ، އެ ޕާޓީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން ފަހުން ޓިކެޓު ދޫކޮށްލުމާ ގުޅިގެންނެވެ.
މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވަމުން ގެންދެވި މުހައްމަދު ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާންގެ މައްޗަށް މި ހުކުމް އައީ އިސްލާމިކް ބޭންކުން އޭނާ ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ނުދައްކާ އޮތް މައްސަލައިގައެވެ. ގާނޫނުއަސާސީގައިވާ ގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ މީހަކަށް މަޖިލިސް މެންބަރުކަމުގެ މަގާމުގައި ނުހުރެވޭނެއެވެ.
މި އިންތިޚާބަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއި އިދިކޮޅު އެމްޑީޕީއަށް ވެސް ސިޔާސީ ގޮތުން ވަރަށް މުހިންމު އިންތިޚާބެކެވެ.

