މިމަހުގެ 11 އިން 14 އަށް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ މީޑިއާ ސަމިޓުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް މަގުފަހިކުރުމުގެ ގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޕީއެސްއެމްގެ ޓީވީ ބިލްޑިންގައެވެ.
މި ފަހުމުނާމާގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް އެވެ. އަދި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސަމިޓަށް ވަޑައިގަންނަވާ ބޭރުގެ އެކި މީޑިއާތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ދުނިޔެއަށް އިޝްތިހާރު ކުރުމެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަކީބް ވިދާޅުވީ، އޭޝިއާ މީޑިއާ ސަމިޓަކީ ރާއްޖެއިން އިސްކަންދޭ ކަންކަން ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ. “މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ރަޝިއާގެ މީޑިއާ އާރްޓީވެސް ހިމެނޭ. ރަޝީއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ޑޮމިނޭޓް ކުރާ މާކެޓެއް. މުޅި ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކަށް ފެތުރިގެންދާ ގޮތަށް އަޅުގަނޑުމެންނަށް ބޭއްވޭ ސަމިޓަކަށްވެގެންދާއިރު މީޑިއާ މެދުވެރިކޯށް ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އަޅުގަނޑުމެން ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވާ ކަމެއް،” ޝަކީބް ވިދާޅުވިއެވެ.
ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝިއުރީ ވެސް ވަނީ މި ސަމިޓަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބޭ މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެކި ޤައުމުތަކުގެ މީޑިއާތަކާއެކު ބަދަހި ގުޅުމެއް އުފެދި، ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.
އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން އިންތިޒާމުކުރާ މި ސަމިޓުގައި 30 ޤައުމަކުން 300 އެއްހައި މަންދޫބުން ބައިވެރިވާނެއެވެ. “ފްރޮމް ޓްރެޑިޝަން ޓު ޓެކް” މި ޝިއާރުގެ ދަށުން ބާއްވާ މި ސަމިޓުގެ ތެރެއިން ސަރުކާރުގެ “މޯލްޑިވްސް 2.0” އިނީޝިއޭޓިވްގެ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

