ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ އަސްކަރީ މަނަވަރުތަކަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވާނެ ކަމަށް އީރާނުންކަށަވަރު ކޮށްދީފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ނޭވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ޖާސްކް ބަނދަރު ކައިރިން އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާއިން ހަމަލާދީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުމާ ގުޅިގެން ކަމަށެވެ. އަދި އެމެރިކާގެ މަނަވަރުތައް ސްޓްރެޓީޖިކް ކަނޑުގެ ސަރަހައްދާ ގާތްވަމުން ދިއުމަކީވެސް މި ހަމަލާ ދޭންޖެހުނު ސަބަބެއް ކަމަށް އީރާނުން ބުނެއެވެ.
އައިއާރުޖީސީން ހާމަކުރި ގޮތުގައި މި ހަމަލާތަކުގައި ބެލިސްޓިކް މިސައިލާއި، ކަނޑު ބޯޓުފަހަރަށް ހަމަލާދޭ ކްރޫޒް މިސައިލްގެ އިތުރުން ގޮވާތަކެތި ހަރުކޮށްފައިވާ ޑްރޯންތައް ވަނީ ބޭނުންކޮށްފައެވެ. މިއީ ވަރަށް ބޮޑަށް ރޭވިގެން ދެވުނު “ކޮމްބައިންޑް އޮޕަރޭޝަނެއް” ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އީރާނުގެ އިންޓެލިޖެންސް ރިޕޯޓުތަކާ ހަވާލާދީ އެ ގައުމުން ބުނެފައިވަނީ، މި ހަމަލާތަކުގެ ސަބަބުން އެމެރިކާގެ މަނަވަރުތަކަށް “ބޮޑެތި ގެއްލުންތަކެއް” ލިބިފައިވާ ކަމަށެވެ. އަދި ހަމަލާތަކަށްފަހު އެމެރިކާގެ ތިން މަނަވަރެއް ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުން ފޭބުމަށް މަޖުބޫރުވެފައިވާ ކަމަށްވެސް އީރާނުން ބުނެއެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަމަލާ އަމާޒުވި މަނަވަރުތައް މިހާރު ދަތުރުކުރަމުންދަނީ އޮމާން ކަނޑާ ދިމާލަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާ (އައިއާރުއައިބީ) އިން ބުނި ގޮތުގައި، ދުޝްމަނުންގެ ޔުނިޓުތަކަށް ގެއްލުން ލިބުމުގެ ސަބަބުން އެ ތަކެތި ވަނީ އެ ސަރަހައްދުން ފަހަތަށް ޖެހިފައެވެ.

