އިސްރާއީލުން ފުރަތަމަ ފަހަރަށް ހަންޓާ ވައިރަސްގެ ވޭދަނައެއް ފެނިފައިވާކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މި ބައްޔަށް ފައްސިވެފައި ވަނީ މީގެ މަސްތަކެއް ކުރިން އިރުމަތީ ޔޫރަޕަށް ދަތުރުކުރި މީހެކެވެ. އެމީހާ ބައްޔަށް ފަރުވާ ހޯދަން ފެށީ ބަލީގެ އަލާމާތްތައް ފެންނަން ފެށުމުންނެވެ.
މި ބަލި ދެނެގަނެވިފައިވަނީ އެމީހާގެ ހަށިގަނޑުން އެންޓިބޮޑީ ޓެސްޓެއް ހެދުމަށްފަހު، ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ދެނެގަތުމަށް ހެދި ޕީސީއާރު ޓެސްޓަކުންނެވެ. ބަލި ޖެހިފައިވާ މީހާގެ ތަފްސީލާއި، އޭނާ ދިރިއުޅޭ ތަނާ، ފަރުވާ ހޯދަމުންދާ ހޮސްޕިޓަލުގެ މަޢުލޫމާތު މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް، ބަލިމީހާގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި، އޭނާ އޮތީ ސިއްހީ މާހިރުންގެ ބެލުމުގެ ދަށުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީގެ ދިހަވަރަކަށް އަހަރު ކުރިންވެސް ދެކުނު އެމެރިކާއަށް ދަތުރުކުރި ބައެއް އިސްރާއީލު ރައްޔިތުންނަށް މި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވުނު ނަމަވެސް، މިއީ ރަސްމީކޮށް މި ބަލި އިސްރާއީލުން ފެނުނު ފުރަތަމަ ފަހަރެވެ. މިފަހަރު ފެނިފައިވަނީ ޔޫރަޕްގެ ވައިރަސް ސްޓްރެއިން އެކެވެ. މިއީ މިހާރު “އެމް ވީ ހޮންޑިއަސް” ކްރޫޒް ޝިޕުން ފެނިގެން އުޅޭ ނުރައްކާތެރި “އެންޑީސް” ސްޓްރެއިންއާ ތަފާތު ވައިރަހެކެވެ.
“އެންޑީސް” ސްޓްރެއިންއަކީ އިންސާނުންގެ ފަރާތުން އިންސާނުންގެ ގަޔަށް އެރުމުގެ ފުރުސަތު އޮންނަ ނުރައްކާތެރި ވައިރަހެކެވެ. ނަމަވެސް އާންމުކޮށް ހަންޓާވައިރަސް ފެތުރެނީ މީދަލުގެ ޒަރީއާއިންނެވެ. “އެމް.ވީ ހޮންޑިއަސް” ކްރޫޒް ޝިޕުގައި މި ބަލި ފެތުރި މިހާތަނަށް ތިން މީހަކު ވަނީ މަރުވެފައެވެ. އެ ބޯޓުގައި 23 ގައުމަކަށް ނިސްބަތްވާ 147 ފަސިންޖަރުންނާއި ފަޅުވެރިން ތިއްބެވެ.
ހަންޓާވައިރަސް އަކީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެއްޗާއި، ކުޅުގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. އިންސާނުންގެ ގަޔަށް މި ބަލި އަރަނީ މި ތަކެތިން ބޭރުވާ ވައިރަސް ވައިގެ ތެރެއަށް ފެތުރި، އެ ނޭވާލުމުގެ ތެރެއިންނެވެ. މީގެ އިތުރުން ވައިރަސް ހުރި ތަނެއްގައި އަތްލުމަށްފަހު އަނގަ، ނޭފަތް ނުވަތަ ލޮލުގައި އަތްލުމުންވެސް ބަލިޖެހެއެވެ.
މި ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހީކެރުވުން، މަސްތަކުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ހޮޑުލެވުން ހިމެނެއެވެ. ބައެއް ހާލަތްތަކުގައި ފުއްޕާމޭގެ މައްސަލަތަކާއި، ކިޑްނީއަށް ގެއްލުންވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނެއެވެ. މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނެތް ނަމަވެސް، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދެވޭ ސަޕޯޓިވް ފަރުވާއިން ބަލިމީހާގެ ހާލަތު ރަނގަޅު ކުރެވެއެވެ.

