ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުން ހިމެނޭހެން، ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އޮސްޓްރޭލިއާ ސަރުކާރާއެކު މުހިންމު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހިރާއްޖޭގެ ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާއާއި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑާ ދެމެދުގައެވެ. ދިފާއީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދު އެވެ.
މި ފަހުމުނާމާގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ކަނޑުގެ ސަލާމަތާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ ހާއްސަ އޮނިގަނޑެއް އެކުލަވާލުން ހިމެނެއެވެ.
ދިފާއީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

