ބައިނަލްއަގުވާމީ ކިޑްސް އެތްލެޓިކްސް ދުވަހުގެ މުނާސަބަތުގައި ތިނަދޫ ސިޓީގައި ކުރިއަށް ގެންދިޔަ ދުވުމަށް އެ ސިޓީގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމެއް ލިބިއްޖެއެވެ.
އެތްލެޓިކްސް އެސޯސިއޭޝަނާއި ރައުހަތު ސްޕޯޓްސް ގުޅިގެން ތިނަދޫ ސިޓީ ސްޓޭޑިއަމްގައި އިންތިޒާމުކުރި މި ދުވުމުގައި އެ ސިޓީގެ ތިން ސްކޫލަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ގދ. އަތޮޅު ތައުލީމީ މަރުކަޒާއި، އަބޫބަކުރު ސްކޫލްގެ އިތުރުން ތިނަދޫ ސްކޫލްގެ ކުދިން ހިމެނެއެވެ.

ތިނަދޫ ސިޓީގައި ބޭއްވުނު އިވެންޓު – ފޮޓޯ ރައުހަތު ސްޕޯރޓްސް
ދުނިޔޭގެ އެތްލެޓިކްސް ދުވަސް ފާހަގަކުރުމަށް ބާއްވާ މި ދުވުމަކީ، ގައުމުތަކުގެ އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ބައިވެރިވާ ގައުމަކަށް ވަނަ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އިވެންޓެކެވެ.

ތިނަދޫ ސިޓީގައި ބޭއްވުނު އިވެންޓު – ފޮޓޯ ރައުހަތު ސްޕޯރޓްސް
ތިނަދޫ ސިޓީއަކީ އެތްލެޓިކްސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންދާ ރަށެކެވެ. އެންމެ ފަހުން ބޭއްވި އޮލިމްޕިކްސް މުބާރާތުގައި ރާއްޖޭގެ ދިދަ އުފުލި ދުވުންތެރިޔާ އިބާދުﷲ އާދަމަކީ އެ ސިޓީއަށް ނިސްބަތްވާ ކުޅަދާނަ އެތުލީޓެކެވެ. މީގެ އިތުރުން، މިހާރުގެ ގައުމީ އެތްލެޓިކްސް ޓީމުގައިވެސް ތިނަދޫއަށް ނިސްބަތްވާ ގިނަ ދުވުންތެރިންތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އިބާދުﷲ އާދަމްގެ އިތުރުން ނުޖޫމް ހަސަން، އިބްރާހިމް ނާހިލް ނިޒާރު އަދި އަހުނަފް ރައްޔާން ފަހުމީ ފަދަ ސްޕްރިންޓަރުން ހިމެނެއެވެ.

