އާޖެންޓީނާގެ ކުރޫޒް ޝިޕެއްގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ ހަންޓާވައިރަސް ފެތުރި، ތިން މީހަކު މަރުވުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު “އެމް.ވީ ހޮންޑިއަސް” ނަމަކަށް ކިޔާ މި އުޅަނދުން ބަލިޖެހިފައިވާ ކަމަށް ޝައްކުކުރެވޭ އަށް ކޭސްއެއް ފެނިފައިވާއިރު، އޭގެ ތެރެއިން ތިން ފަސިންޖަރަކު ވަނީ މި ބަލީގައި ފުރާނަ ގޮސްފައެވެ.
ހަންޓާވައިރަސްގެ މި ސްޓްރެއިންއަކީ އެކަކުން އަނެކަކަށް ފެތުރުމުގެ ފުރުސަތު އޮތް “އެންޑީސް ވައިރަސް” ކަމަށް ސިއްހީ މާހިރުން ވަނީ ފާހަގަކޮށްފައެވެ. މިއީ ބަލިޖެހޭ މީހުންގެ ތެރެއިން 40 އިންސައްތަ މީހުން މަރުވުމުގެ ބިރު އޮތް ނުރައްކާތެރި ބައްޔެކެވެ. އާޖެންޓީނާ ސަރުކާރުން ބުނާ ގޮތުގައި، މި ބަލި އުޅަނދަށް ފެތުރުނީ އުޝުއައިއާގައި ބޭއްވި ދޫނި ބަލާލުމުގެ ދަތުރެއްގައި ބައިވެރިވި ދެ ފަސިންޖަރެއްގެ ފަރާތުންނެވެ.
މާޔޯ ކްލިނިކުން ހާމަކޮށްފައިވާ ގޮތުގައި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިވުން، ހުންއައުން، މަސްތަކުގައި ރިއްސުން، ބޯއެނބުރުން، އަދި ނޭވާލާން އުނދަގޫވުން ހިމެނެއެވެ. މި އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް ހަށިގަނޑަށް ވަންނަތާ އެއް ހަފްތާއާއި އަށް ހަފްތާއާ ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ބަލިޖެހުނު މީހުންނާ ބައްދަލުވި އެހެން މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ކުރަމުންނެވެ.
މި ބަލިން ރައްކާތެރިވުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ މުހިންމު އިރުޝާދުތަކެއް ދީފައެވެ. އޭގެ ތެރޭގައި މީދާ ފަދަ ޖަނަވާރުތަކާ ދުރުހެލިވުމާއި، ގޭގެއާއި މަސައްކަތްކުރާ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުން ހިމެނެއެވެ. އަދި މީދާގެ ނަޖިސް ހުންނަ ތަންތަން ސާފުކުރުމުގައި، ހިކިކޮށް ކުނިކެހުމުގެ ބަދަލުގައި އެ ތަންތަން ތެންމާލައިގެން ސާފުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، މިފަދަ އާ ބަލިތައް ފެތުރެން ފެށުމަކީ ދުނިޔޭގެ ސިއްހީ މާހިރުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. އެހެންކަމުން، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުވުމަށް ޑަބްލިއު.އެޗް.އޯ އިން ވަނީ އާންމުންނަށް ގޮވާލާފައެވެ.

