ދުނިޔޭގެ ފުޓްސަލް ރޭންކިންގައި ދިވެހިރާއްޖެއިން ބޮޑު ކުރިއެރުމެއް ހޯދައި، ދުނިޔޭގެ ގަދަ 100 ގައުމުގެ ތެރެއިން ޖާގަ ކަށަވަރުކޮށްފިއެވެ. ފީފާއިން މިއަދު އާންމުކުރި ރޭންކިންއަށް ބަލާއިރު، ރާއްޖެ ވަނީ 10 ދަރަޖައިގެ ކުރިއެރުމަކާއެކު ދުނިޔޭގެ 99 ވަނައަށް ޖެހިލާފައެވެ.
މި ކުރިއެރުމާއެކު ރާއްޖެ މިހާރު އޮތީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެއްވަނައިގައެވެ. އަދި މުޅި އޭޝިއާ ބައްރަށް ބަލާއިރު ރާއްޖެއަށް ލިބެނީ 24 ވަނަ މަގާމެވެ.
ރާއްޖޭގެ ފުޓްސަލް ރޭންކިންއަށް އައި ބަދަލުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ މޭ މަހު ރާއްޖެ އޮތީ 110 ވަނައިގައެވެ. އޭގެ ފަހުން ނޮވެމްބަރު މަހު ނެރުނު ރޭންކިންގައި 109 ވަނައަށް ޖެހިލާފައިވާއިރު، މިފަހަރުގެ ބޮޑު ކުރިއެރުން ލިބުނީ ދާދިފަހުން ރާއްޖެއިން ހޯދި ބޮޑު ކާމިޔާބީއާ ގުޅިގެންނެވެ.
މިދިޔަ ޖެނުއަރީ މަހު ސާފް (SAFF) އިން މުޅިން އަލަށް ބޭއްވި ފުޓްސަލް ޗެމްޕިއަންޝިޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ރާއްޖެއިން ވަނީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި ކާމިޔާބީއާއެކު ކޯ އެފިޝަންޓް ޕޮއިންޓަށް ބަލާއިރު ރާއްޖެއަށް 25.38 ޕޮއިންޓް އިތުރުވެ، ފީފާގެ 200 އަށް ވުރެ ގިނަ މެމްބަރު ގައުމުތަކުގެ ތެރެއިން ގަދަ 100 އަށް ވަނުމުގެ ފުރުސަތު ފަހިވީއެވެ.
ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ކައިރިން ނޭޕާލް އޮތީ 110 ވަނައިގައެވެ. އިންޑިއާ 130 ވަނައިގައި އޮތްއިރު، ޕާކިސްތާން އޮތީ 138 ވަނައިގައެވެ. ބަންގްލަދޭޝް 139 ވަނައިގައި، ސްރީ ލަންކާ 140 ވަނައިގައި އަދި ބޫޓާން އޮތީ 141 ވަނައިގައެވެ.
ދުނިޔޭގެ ފުޓްސަލް ރޭންކިންގެ އެންމެ ކުރީގައި އުޅޭ ގައުމުތަކަށް ބަލާއިރު، އެއްވަނައިގައި އޮތީ ބްރެޒިލްއެވެ. ދެވަނައިގައި ޕޯޗުގަލް، ތިންވަނައިގައި ސްޕެއިން، ހަތަރުވަނައިގައި އާޖެންޓީނާ އަދި ފަސްވަނައިގައި އޮތީ އިރާނެވެ. ގަދަ 10 ގައި ދެން ހިމެނެނީ މޮރޮކޯ، ރަޝިއާ، ކަޒަކްސްތާން، ޔޫކްރެއިން އަދި ފްރާންސްއެވެ.

