ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ މުޙައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މުޙައްމަދު ރާމިޒް އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގ. ލިފަދޫ، މުޙައްމަދު ރާމިޒަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައެވެ. ރައީސް ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ތަޢުޒިޔާ ދަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ، މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި މަރްޙޫމް މުޙައްމަދު ރާމިޒް ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް އެ މަރުޙޫމަށް މިންވަރު ކުރެއްވުމަށް އެދި ދުޢާކުރައްވާ ކަމަށެވެ.
މުޙައްމަދު ރާމިޒަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، ޤާނޫނު އަސާސީ އިޞްލާޙުކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
މަރުޙޫމް މުޙައްމަދު ރާމިޒްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަޞުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

