ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިނަދޫ ސިޓީގެ އާބާދީ މައިޒާން (މިޔުޒިޔަމް ޕާކު) ގައި ބާއްވާ ޚާއްޞަ ކުޅިވަރު ފެސްޓިވަލް ބޮޑު ތަރުޙީބަކާއެކު މިއަދުވެސް ކުރިއަށް އެބަދެއެވެ. 2026 މެއި 8 އިން 9 އަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ފެސްޓިވަލަކީ ވީޓް ޖަމްޢިއްޔާގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ފެސްޓިވަލުގެ އިއްޔެގެ ހަރަކާތްތައް މުޅިންވެސް އަމާޒުކުރެވިފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު ގިނަ ކުޅިވަރުތަކެއް އިއްޔެ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭގަނޑުގެ ވަގުތު ޚާއްޞަކުރެވުނީ މަންމައިންގެ ދުވަސް ފާހަގަކުރުމަށެވެ. މި ހަރަކާތުގައި ސިޓީގެ ގިނަ އަދަދެއްގެ މަންމައިން ބައިވެރިވެފައިވާކަން ފާހަގަކުރެވެއެވެ.
މިއަދު ނުވަތަ ހޮނިހިރު ދުވަހުގެ ހަވީރުގެ ވަގުތު ޚާއްޞަކުރެވިފައިވަނީ ނަރުހުންނަށް ޚާއްޞަ އާއިލީ ހަވީރަކަށެވެ. މި ފެސްޓިވަލުގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް ކުރިއަށްދާނެއެވެ.

ތިނަދޫ ސިޓީ ކުޑަކުދިންގެ ފެސްޓިވަލްގެ ތެރެއިން—
މި ހަރަކާތުގެ ތެރެއިން ބިޒްނަސް ސެންޓަރުގެ އެހީތެރިކަމާއެކު ތިނަދޫ ސިޓީގެ ކަނބަލުން ހިންގާ ކުދި ވިޔަފާރިތަކުގެ 10 ފުޑް ސްޓޯލެއްގެ ޚިދުމަތްވެސް ލިބެން ހުންނާނެއެވެ. މިއީ ސިޓީގެ ކުދި ވިޔަފާރިތަކަށް ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ކަމެކެވެ.
މި ފެސްޓިވަލް އިންތިޒާމުކުރުމުގައި ވީޓް ޖަމްޢިއްޔާގެ އިތުރުން ތިނަދޫ ސިޓީ ކައުންސިލް، ބިޒްނަސް ސެންޓަރ، ތިނަދޫ ސިޓީ ޕޮލިސް، އެމް.އެން.ޔޫ ތިނަދޫ ކެމްޕަސް، އައި.ޔޫ.އެމް ތިނަދޫ ލާރނިންގ ސެންޓަރ، އެން.އެޗް ކަލެކްޝަން މޯލްޑިވްސް ހަވޮއްޑާ ރިސޯޓް، ވައިޓަލް ކެއަރ ހުވަދޫ އަދި ކޮމިޔުނިޓީ ގާރޑަން އިން އަމަލީގޮތުން ބައިވެރިވެއެވެ.
ވީޓް ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، މިއީ ރަށު ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާ ގުޅުވައިގެން މުޖުތަމަޢުގެ ލާބައާއި މަންފާއަށް އެކި ގޮތްގޮތުން އެހީތެރިވެދިނުމަށާއި، ދުޅަހެޔޮ އެކުވެރި މުޖުތަމަޢެއް ބިނާކުރުމަށް އެ ޖަމްޢިއްޔާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެކެވެ.

