ނޭވާހިއްލުން ފަދަ ނޭވާލާ ނިޒާމުގެ ބަލިތަކަށް ދެވޭ ކުއްލި ފަރުވާއިން، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކުރެވޭ މަސައްކަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމުގެ މިސްރާބު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ ވޯލްޑް އެސްތުމާ ޑޭ ނުވަތަ ނޭވާ ހިއްލުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދުވަހާ ގުޅިގެން އައިޖީއެމްއެޗްގައި ބޭއްވި ސިމްޕޯޒިއަމް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާގެ ވާހަކަފުޅުގައި، ނޭވާ ހިއްލުމަކީ ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް އާންމުވެފައިވާ ނޭވާލާ ނިޒާމުގެ ބައްޔެއްކަން ފާހަގަކުރެއްވިއެވެ. އަދި ގިނަ ބަޔަކަށް އާދައިގެ ކަމެއްގެ ގޮތުގައި ނޭވާލުން ވެފައިވީނަމަވެސް، ބައެއް ފަރާތްތަކަށް އެއީ ތަކުލީފުބޮޑު ނުރައްކާތެރި ކަމެއްކަން ފާހަގަކުރައްވައި، ތިމާވެށީގެ ތަޣައްޔަރުވުމަކީ މިފަދަ ބަލިތަކަށް މަގުފަހިވާ މުހިއްމު ސަބަބެއްކަމަށް ވިދާޅުވިއެވެ.
އެކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، "މުޖުތަމަޢުގެ ކޮންމެ ކުއްޖަކީ ހުވަފެންދެކުމުގެ ޙައްގު އޮންނަ އަދި އެހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމުގެ ފުރުސަތު އޮތް ކުއްޖެއްކަން ކަށަވަރުކުރަންޖެހޭ" ކަމަށެވެ. އަދި ނޭވާ ހިއްލުމާ މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކޮށް، އިންހޭލާ ބޭނުންކުރުމަކީ މައްސަލައެއް ނޫންކަން ވިސްނައިދޭން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެސްތުމާ ދުވަހާ ގުޅިގެން އައިޖީއެމްއެޗްގައި ބޭއްވި ސިމްޕޯޒިއަމްގަ ތެރެއިން—–ފޮޓޯ: ރައީސްއޮފީސް
މި ސިމްޕޯޒިއަމްގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިން ޑިޕަޓްމަންޓްގެ ހެޑް، ޑރ. މުޙައްމަދު އިސްމާޢީލް ވިދާޅުވީ، ދުނިޔޭގެ ނިސްބަތުން ނޭވާ ހިއްލުމުގެ ބަލީގައި ރާއްޖެ އޮތީ 99 ވަނައިގައި ކަމަށެވެ. އަދި ފަރުވާގެ ނިޒާމާއި މުޖުތަމަޢު ހޭލުންތެރިކުރުވުމުގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އައިޖީއެމްއެޗްގެ ރެސްޕިރޭޓްރީ މެޑިސިންގެ ހެޑް ނަރސް، ފާތިމަތު ލޫސީ ފާހަގަކުރެއްވި ގޮތުގައި، މުޖުތަމަޢު ދެކޭގޮތުގެ ސަބަބުން ރާއްޖޭގައި އިންހޭލާ ބޭނުންކުރުމަށް ގިނަ ބަޔަކު ލަދުގަނެއެވެ. އަދި އިންހޭލާ ބޭނުންކުރާ ގިނަ ފަރާތްތަކުން އެ ބޭނުންކުރަނީ ރަނގަޅު ގޮތުގައި ނޫންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ ނޭވާ ހިއްލުމުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފަރުވާގައި އަދިވެސް ކޮންމެހެން ބޭނުންވާ އިންހޭލާއަށް އެންމެނަށް ވާޞިލުވެވުން" މިއެވެ. ސިއްޙީ ދާއިރާގެ ބޭފުޅުން އިލްތިމާސްކުރައްވަނީ ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، އިންހޭލާ ބޭނުންކުރުމަށް ޖެހިލުންނުވާ، އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށެވެ.

