ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކޯޗު ހޯސޭ މޮރީނިއޯ، އަލުން އަނބުރާ ސްޕެއިންގެ ގަދަބާރު ރިއާލް މެޑްރިޑުގެ ކޯޗުކަމުގެ މަގާމާ ހަވާލުވާން ބޭނުންވާކަން ހާމަކޮށްފިއެވެ.
ކުޅިވަރުގެ ޚަބަރުތައް ބުނާގޮތުން، ޕޯޗުގަލްއަށް އުފަން ތަޖުރިބާކާރު ކޯޗު މޮރީނިއޯ ހުރީ އޭނާގެ ކުރީގެ ކުލަބު ކަމަށްވާ ރިއާލް މެޑްރިޑަށް އެނބުރި ދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ. މޮރީނިއޯ ވަނީ މީގެ ކުރިން 2010 އިން 2013 އަށް ރިއާލް މެޑްރިޑަށް ކޯޗުކަން ކޮށްދީ، އެ ކުލަބަށް ލަލީގާ އާއި ކޮޕާ ޑެލްރޭ އަދި ސުޕާރ ކޮޕާ ކާމިޔާބުކޮށްދީފައެވެ.
މޮރީނިއޯ މިވަގުތު ބެނެފިކާގެ ކޯޗުކަމުގެ މަގާމުގައި ހުރި ނަމަވެސް، ރިއާލް މެޑްރިޑުން ފުރުސަތެއް ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފުމަށް އޭނާ ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މޮރީނިއޯގެ ގާތް ފަރާތްތަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވަނީ، ރިއާލް މެޑްރިޑަކީ އަބަދުވެސް އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ ކުލަބެއް ކަމަށާއި، އެ ކުލަބަށް ދެވަނަ ފަހަރަށް އިރުޝާދު ދިނުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ.
ރިއާލް މެޑްރިޑުގެ މިހާރުގެ ކޯޗު އަލްވާރޯ އަރްބެލޯ ގެ ކޮންޓްރެކްޓާ މެދު އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާ މި ދަނޑިވަޅުގައި، މޮރީނިއޯ ފަދަ ކާމިޔާބު ކޯޗަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރުމަކީ ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން މިހާރު ވަރަށް ބޮޑަށް ހުއްޓިފައިވާ ކަމެކެވެ.
މޮރީނިއޯއަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކަށް ކޯޗުކަން ކޮށްދީ، ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ، “ސްޕެޝަލް ވަން” ގެ ނަމުން މަޝްހޫރުވެފައިވާ ކޯޗެކެވެ. އޭނާ ރިއާލްއަށް އެނބުރި އަތުވެއްޖެނަމަ، އެއީ އެ ކުލަބުގެ ސަޕޯޓަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށް ބެލެވެއެވެ.

