ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި އަންނަ ޖޫންމަހު ތާރުއެޅުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރްވަސް ޢަބްދުﷲ ފާއިޒު ވިދާޅުވީ، މަޝްރޫޢުގެ ސެގްމެންޓް 5 ގެ ބޮޑު ބައެއްގެ މަސައްކަތް ނިންމާ، ތާރު އެޅުމަށް މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެފްއެސްއެމް ބިލްޑިންއާ ހަމައަށް އޮތް ސަރަޙައްދެވެ.
ޝަރްވަސް އިތުރަށް ވިދާޅުވީ، ސެގްމެންޓް 2، 3 އަދި 4 ގެ މަސައްކަތްތައްވެސް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން ވޯލްގެ މަސައްކަތާއި، ފެނާއި ނަރުދަމާ ހޮޅި ވަޅުލުމާއި، ޝީޓްޕައިލްކުރުމުގެ އިތުރުން ޕޭވްމަންޓް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މަސައްކަތުގެ ތަފްސީލް ހިއްސާކުރައްވަމުން ޝަރްވަސް ވިދާޅުވީ، “މިހާރު ކުރިއަށް މި ގެންދަނީ ސެގްމަންޓު 2، 3 އަދި 4 ގައި ކުރަންޖެހޭ މަސައްކަތްތައް. އޭގެތެރޭގައި ޝީޓްޕައިލްކުރުމާއި، މަގުގައި ކުރަންޖެހޭ ކެޗްޕިޓްތައް ވަޅުލުމުގެ މަސައްކަތްތަކާއި، ކޭބަލް ޖަންކްޝަންތަކާއި، އިތުރަށް ޕޭވްމަންޓު ހެދުމުގެ މަސައްކަތްތަކާއި، އަދި ފެންހިންދާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައްވެސް އެބަ ކުރިއަށްދޭ. ލަފާމިކުރަނީ ހުރިހާ ސެގްމެންޓެއްގެ މަސައްކަތްތަކެއް ތާރުއަޅަން ތައްޔާރުކުރެވޭނެކަމަށް ޖޫންމަހުގެ ނިޔަލަށް.”
މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދަނީ ފޭސް 1 ގެ ސެގްމަންޓް 2 އިން 5 އާ ހަމައަށް އޮންނަ، އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ 700 މީޓަރުގެ ސަރަޙައްދެވެ. އެމްޓީސީސީގެ އަމާޒަކީ ޖޫން މަހުގެ ނިޔަލަށް ހުރިހާ ސެގްމެންޓެއްގެ މަސައްކަތް ނިންމާ ތާރު އަޅައި، މުޅި މަޝްރޫޢު ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލުމެވެ.

