ވިލިމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސޯޝަލް ހައުސިންގ ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރު، އެ ރަށުގެ ސްޓެލްކޯ ސައިޓް ހުންނަ ސަރަހައްދުގައި ތަރައްޤީކުރުމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުރިން އެ ޓަވަރު އެޅުމަށް ކަނޑައެޅި ސަރަހައްދުގައި ހުރި ގަސްތައް ނަގަންޖެހޭތީ، ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށް ބަލައިފައެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ވިލިމާލޭގައި އިމާރާތް ކުރާ 300 ފުލެޓު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެ ސަރަހައްދުގައި ހުރި ބޮޑެތި ފުނަގަސްތައް ނުކަނޑައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ ތިން ޓަވަރު އެޅުމަށް ހަމަޖެހިފައިވާއިރު، އަނެއް ދެ ޓަވަރު އެޅުމަށް ނިންމާފައިވަނީ މުހްޔިއްދީން ސްކޫލް ކުރިމަތީގައި އޮންނަ ފުނަވަލުގެ އެއްފަރާތުގައެވެ.
މިދިޔަ ފެބުރުވަރީ މަހު ބިންގާ އެޅި މި މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރަނީ 17 ފަންގިފިލާގެ ތިން ޓަވަރެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެވެ. މިއީ ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިދާޅުވި ގޮތުގައި، ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މި ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެއެވެ. މި މަޝްރޫޢަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ (އައިއެންއޭއެޗް) ގެ މަޤުސަދުތައް ޙާސިލް ކުރުމަށް ބީއެމްއެލްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ކުރިއަށްގެންދާ މަސައްކަތެކެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީން ޖުމުލަ 3,260 ހައުސިންގ ޔުނިޓް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ވިލިމާލޭގެ 300 ޔުނިޓުގެ އިތުރުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖުމުލަ 2,700 ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

