ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ފެއްޓެވި “އޮޕަރޭޝަން ކުރަނގި” ގެ ދަށުން ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ 98 އިންސައްތަ މީހުންގެ ބައޯމެޓްރިކް ޑޭޓާ އެއްކޮށް ނިމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި އޮޕަރޭޝަނުގެ ދަށުން ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާނާއި ފޮޓޯ އެއްކުރުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ނަތީޖާއެއްގެ ގޮތުން، ރެގިއުލަރައިޒްވެފައިވާ ބިދޭސީންގެ އަދަދު މިހާރު ވަނީ 60 އިންސައްތައަށް ވުރެ މަތިވެފައެވެ.
ވަޒީރު އިހުސާނު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާ މަތިކުރެއްވި މުހިންމު މަސައްކަތެކެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހު ދާހިލީ ވުޒާރާއާއި ގުޅުންހުރި އެހެނިހެން އިދާރާތަކުން ވަރުބަލިކަމެއް ނެތި މި އަމާޒަށް ވާސިލުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތުގައި ބައިވެރިވި ހުރިހާ މުއައްސަސާތަކަށާއި ވަކިވަކި ފަރުދުންނަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އިހުސާނު ވިދާޅުވި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މި ގައުމީ މައްސަލައަށް ރައީސް މުޢިއްޒުގެ ޒައާމަތުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި މިވަނީ އުންމީދީ އަދި ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ.

