ތުރުކިޔޭގައި މެއި 8 އިން 9 އަށް ކުރިއަށް ދިޔަ “ރޯޑް ޓު ކޮޕް 31: ރެޒިލިއަންޓް ސިޓީސް” ބައްދަލުވުމުގައި މިނިސްޓަރ ޢަލީ ޝަރީފް ބައިވެރިވެވަޑައިގެން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވަކާލާތު ކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ކޮޕް 31 އަށް ތައްޔާރުވުމުގެ ގޮތުން، ސިޓީތަކުގެ ވިލުންތެރިކަން އިތުރުކުރުމާއި ކާރިސާތަކަށްފަހު ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.
ބައްދަލުވުމުގެ ހާއްސަ ސެޝަނެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢަލީ ޝަރީފް ވިދާޅުވީ، ރާއްޖޭގެ ތިންވަނަ ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން (NDC) އާއި ނޭޝަނަލް އެޑަޕްޓޭޝަން ޕްލޭން ބައްޓަންކުރެވިފައިވަނީ ރާއްޖޭގެ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓެޖީއާ ގުޅިލާމެހިފައިވާ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސަތުތައް ތަރުތީބުކުރެވިފައިވަނީ އދ. ގެ ސެކެޓްރީ ޖެނެރަލްގެ “އާރލީ ވޯނިންގސް ފޯ އޯލް” އިނިޝިއޭޓިވްއާ އެއްގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން މިނިސްޓަރ ޢަލީ ޝަރީފް ވަނީ ތުރުކިޔޭގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ އިތުރުން ބަންގްލަދޭޝް، ބުރުނާއީ، ލީބިޔާ އަދި ކޮސޯވޯގެ ވަޒީރުންނާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން ޔޫއެން ހެބިޓެޓްގެ އެގްޒެކެޓިވް ޑިރެކްޓަރާ ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކަށް ހޭނުމަށާއި އެކަމުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވަނީ ގައުމީ ތަރައްގީގެ ދިގު މުއްދަތުގެ ޕްލޭންތަކުގައި ކާރިސީ ހިރާސް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާ ބެހޭ މަސައްކަތްތައް ހިމެނުމުގެ މުހިއްމުކަމުގެ މައްޗަށް ބާރު އަޅުއްވާފައެވެ. އަދި ކޮޕް 31 ގެ ރިޔާސަތު ބަލަހައްޓާ ގައުމެއްގެ ގޮތުގައި ތުރުކިޔޭއިން އަދާކުރާ ދައުރަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
މި ދަތުރުފުޅަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއިން އިސްކަންދޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށާއި، ކުރިއަށް އޮތް ކޮޕް 31 ގެ ރިޔާސަތާ ގާތް ގުޅުމެއް އުފެއްދުމަށް ލިބުނު މުހިންމު ފުރުސަތެކެވެ.

