ދިވެހި ޤައުމު މިނިވަންކަމާއެކު މިއަދާހަމައަށް ގެނެސްދީފައި ވަނީ ދިވެހި ސިފައިންގެ ހިތްވަރާއި ޖިހާދުން ކަމަށާއި، ދިވެހި ޤައުމު ދެކެ ލޯބިވާ ކޮންމެ މީހެއްގެ ހިތުގައި އެންމެ ފަޚްރުވެރި މަޤާމު އޮންނަން ވާނީ ދިވެހި ސިފައިންނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިނިވަންކަމާއި ސިޔާދަތީ ރަތް ރޮނގު، ސަލާމަތްތެރިކަމާއެކީގައި ހިމާޔަތްކޮށްދީ، ދަމަހައްޓައިދެނީ އަމިއްލަ ނަފުސަށްވުރެ ޤައުމު އިސްކުރައްވައިގެން ސިފައިން ކުރައްވާ ބުރަ މަސައްކަތުން ކަމުގައި ސިފަކުރެއްވިއެވެ. އަދި ސިފައިންގެ ކުރިއެރުމާއި ލާބައަށްޓަކައި ސަރުކާރުން ކުރައްވަން ނިންމަވާފައިވާ ބައެއް މުހިންމު ކަންކަން އެމަނިކުފާނު ވަނީ އިޢުލާނު ކުރައްވާފައެވެ.
ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް އަސާސީ އެއް ޙައްޤަކަށް ވާހިނދު، ދިވެހި ސިފައިންނަށްވެސް މި ޙައްޤު ފުރިހަމަވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ ހައުސިންގް ސްކީމްތަކުގެ ތެރެއިން، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ ޢަދަދު އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ސިފައިންގެ ޚިދުމަތުގައި ތެދުވެރިކަމާއެކު ދެމިތިބޭ ފަރާތްތަކަށް، މިހާރު އޮތް ޤަވާއިދުގެ ތެރެއިން ވަކި މުއްދަތެއްވުމުން ޚިދުމަތުން ވަކިވާންޖެހޭ ލިމިޓޭޝަންތައް ބަދަލުކޮށް، ޚިދުމަތުގައި ދެމި ހުރެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސިފައިންގެ ކޮންމެ މީހެއްގެ ޢާއިލާ ދިރިއުޅޭ ސަރަޙައްދު ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުޞަތު ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކި ރަންގުތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރި ސިފައިންނަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. މީގެ ތެރޭގައި މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ ފިޓަސްޓް ސޯލްޖަރ އަންހެން އަދި ފިރިހެން ވަނަ ހާސިލުކުރި ފަރާތްތަކަށްވެސް އިނާމު ހަވާލުކުރެއްވިއެވެ.
ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ސަރވިސް ކޯގެ ދަށުން ބ. ކިހާދޫގައި ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މުހިންމު މަރުކަޒެކެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަތެވެ.

