ސިފައިންނާއި އެ މީހުންގެ އާއިލާތަކުން ދިރިއުޅޭ ބަނޑޭރި ކޮށިގައި ހިންގަން ހަމަޖެހިފައިވާ ހައުސިން މަޝްރޫއު ކުރިއަށް އޮތް 8 މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ އިއުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ބޯހިޔާވަހިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގަކަށް ވާއިރު، ސިފައިންނަށްވެސް އެ ހައްގު ފުރިހަމައަށް ލިބެންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަނޑޭރި ކޮށީގައި އައު ހައުސިން މަޝްރޫއެއް ފެށުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވީ “އަމާޒަކީ ކުރިއަށް އޮތް 8 މަސްތެރޭ އެ މަޝްރޫއު ފެށުން” ކަމަށާއި، މިހާރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
ބަނޑޭރި ކޮށްޓަކީ ސިފައިންގެ އާއިލާތައް ދިރިއުޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާކޮށްފައިވާ ވަރަށް ބޮޑު ސަރަހައްދެކެވެ. އެތަނުގައި ހުރި ގިނަ ދުވަސްވީ އިމާރާތްތަކުގައި ސިފައިންގެ އާއިލާތައް ދިރިއުޅޭތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ.
މީގެ އިތުރުން، ސަރުކާރުން ކުރިއަށްގެންދާ އާންމު ހައުސިންގް ސްކީމްތަކުގެ ތެރެއިންވެސް، އަސާސީ ބޯހިޔާވަހިކަން ލިބޭ ސިފައިންގެ އަދަދު އިތުރުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ދެއްވާފައެވެ.

