ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިފައިންގެ ޚިދުމަތުގެ ސަރވިސް ކޯގެ ދަށުން ހިންގާ ސްކޫލް އޮފް އިންޖިނޭރިންގް އެންޑް ލޮޖިސްޓިކްސް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ސްކޫލް އިފްތިތާޙުކޮށްދެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.
ބ. ކިހާދޫގައި ގާއިމުކޮށްފައިވާ މި ސްކޫލަކީ ދިވެހި ސިފައިންގެ ފަންނީ ހުނަރާއި، ޢިލްމީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ހިންގޭ މަރުކަޒެކެވެ. މިއީ ދިވެހި ސިފައިންގެ ތާރީޚުގައި މިފަދަ ފަންނީ ތައުލީމަށް ހާއްސަ ސުކޫލެއް ހުޅުވުނު ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ހިދުމަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކަށް މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ. އެގޮތުން މަތިވެރި ޚިދުމަތުގެ މެޑަލް، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް، އަދި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމުގެ މެޑަލް ހާސިލުކުރެއްވި ސިފައިންނަށް މެޑަލް ހަވާލުކޮށްދެއްވިއެވެ.
މީގެ އިތުރުން، ހަށިހެޔޮކަމުގެ ކުލަ ހާސިލުކުރެއްވި ސިފައިންނާއި، 2025 ވަނަ އަހަރުގެ ފިޓަސްޓް ސޯލްޖަރ އަންހެން އަދި ފިރިހެން ވަނަ ހޯދި ފަރާތްތަކުގެ އިތުރުން، ފިޓަސްޓް ޔުނިޓަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މެޑެއްޔާއި ފިލާ ހަވާލުކޮށްދެއްވާފައެވެ.
ދިވެހި ސިފައިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 21 ވަނަ ދުވަސް ފާހަގަކުރަމުންދާއިރު، މިރޭ ބޭއްވި ޖަލްސާއަކީ ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު މުހިންމު ހަރަކާތެކެވެ.

