ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި 254 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޖުމްލަ 1،344 ބިދޭސީއަކު ބަލައިފާސްކޮށް، މީގެ ތެރެއިން 254 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސައްހަ މައުލޫމާތު އެއްކޮށް، ބަޔޯމެޓްރިކްސް ނެގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން “ކުރަނގި އޮޕަރޭޝަން” ފަށާފައިވަނީ މޭ 2024 ގައެވެ. މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް 191،723 އަށް ވުރެ ގިނަ ބިދޭސީންގެ 10 އިނގިލީގެ ނިޝާނާއި ފޮޓޯ ނަގައި، ދައުލަތުގެ ޑޭޓާބޭސް ވަނީ އަޕްޑޭޓުކޮށްފައެވެ.
ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ވަދެ، ލިޔެކިޔުންތައް ފުރިހަމަކޮށްގެން ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީންނަށް ސަރުކާރުން ވަނީ އެކި ފަހަރު މަތިން ގިނަ މުހުލަތުތަކެއް ދީފައެވެ. އެގޮތުން މިކަމަށް ދިން އެންމެ ފަހުގެ މުއްދަތު މި މަހުގެ ދެވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
މިކަމާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައްހަކަން ކަށަވަރު ކޮށްފައިވާ އެކްޓިވް ވޯކްޕާމިޓުގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 ޕަސެންޓު މީހުންގެ ބަޔޯމެޓްރިކްސް މިހާރު ނަގައި ނިމިފައިވާ ކަމަށެވެ. މީގެ ތެރޭގައި 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ ހިމެނޭތީ، އެ މީހުންނަކީ ކާކުކަން ދެނެގަތުމުގެ ފުރުސަތު މިހާރު އޮންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި، ގައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމެވެ. އިމިގްރޭޝަނުން މި ހިންގި އޮޕަރޭޝަނަކީ މި މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

