ކުދިންގެ އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ފޯރުކޮށްދިނުމަކީ ސަރުކާރާއި ރައްޔިތުންގެ ޒިންމާއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވަނީ މި ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އަރިސްކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ކުޑަކުދިން ހެދިބޮޑުވަމުން އަންނަ ވަރަކަށް އެކުދިންގެ އުމުރާ ގުޅޭގޮތުން ދޭންޖެހޭ ތަޢުލީމާއި ތަރުބިއްޔަތު ދިނުމަކީ މުޅި ޤައުމު ގުޅިގެން އުފުލަންޖެހޭ ޒިންމާއެއް ކަމަށެވެ. އަދި ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މާދަމާގެ މުޖުތަމަޢުގައި ޒިންމާދާރު ބަޔެއްގެ ގޮތުގައި އުޅެވޭނެ ފަދަ ޤާބިލުކަން ކުދިންގެ ކިބައިގައި އުފެއްދުމުގެ މުހިންމުކަމަށް ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި ކުޑަކުދިންގެ މައުސޫމް ދިރިއުޅުމަށް ބުރޫއަރާފާނެ އެއްވެސް ބަހަކަށް ނުވަތަ ޢަމަލަކަށް ޖާގަ ނުދިނުމަކީ ކުދިންނަށް ދެވޭނެ އެންމެ ބޮޑު ރައްކާތެރިކަމާއި ލޯބި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ކުލަގަދަކޮށް ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

