ކުޑަކުދިންނަށް އޯގާތެރިކަމާއެކު ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި ވިދާޅުވީ، ހެޔޮލަފާ ދަރިންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތްކަމަށެވެ. އަދި ކުޑަކުދިންނަށް އަޅަައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުންދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ދާނީ ހަގީގަތަކަށް ވަމުންކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މި އުފާވެރި މުނާސަބަތުގައި، ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވާފައެވެ.
ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ޤައުމީ ކުޑަކުދިންގެ ދުވަހެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "އާއިލީ ހަމަޖެހުން، ކުދިންގެ ދުޅަހެޔޮކަން" މިއެވެ.

