ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅަކީ ސިފައިންނާއި އެމީހުންގެ ޢާއިލާތަކަށް ބޮޑު އުފާވެރިކަމެއް ގެނުވި ތާރީޚީ ޚިޠާބެއް ކަމަށް އެޑްވައިޒަރ ޓު މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ސިފައިންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާއާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ރައީސްގެ އެ ވާހަކަފުޅަކީ މިހާތަނަށް ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމު ފުރުއްވި ބޭފުޅުންގެ ތެރެއިން ސިފައިންނާ މުޚާޠަބުކޮށް ދެއްކެވި އެންމެ އުއްމީދީ ވާހަކަފުޅު ކަމަށެވެ.
ނަރީޝްގެ ޕޯސްޓުގައި އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި، ރައީސް މުޢިއްޒު ވަނީ ސިފައިންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަކަށް އިޖާބީ ޖަވާބުތަކެއް ދެއްވާފައެވެ. “ރައީސްގެ ޙިތާބު ވަރަށް ފުރިހަމަ އެހާމެ އުއްމީދީ އަދި އުފާވެރި އަދި ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ތަސައްލީއާއި ފިނިކަން ލިބިގެންދިޔަ ޙިތާބަކަށް ވެގެންދިޔަ!” ނަރީޝް ލިޔުއްވާފައިވެއެވެ.
ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފައިންގެ ބޯހިޔާވަހިކަމާއި، ވަޒީފާގެ ކުރިއެރުމުގެ އިތުރުން ސިފައިންގެ ވެލްފެއަރއާ ގުޅުންހުރި މުހިންމު ނިންމެވުންތަކެއް އިޢުލާނު ކުރައްވާފައެވެ. މީގެ ތެރޭގައި ސިފައިންނަށް ޚާއްޞަ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ޚިދުމަތުގައި ދެމިތިބުމަށް ހުރި ހުރަސްތައް ނައްތާލުން ހިމެނެއެވެ.
މި ޖަލްސާއަކީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި، އެމީހުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ހާމަވެގެންދިޔަ ޖަލްސާއެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

