ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ކުރާ މަސައްކަތުގެ އަބަދުވެސް އަމާޒަކަށް ވާންވާނީ ހުރިހާ ކުދިންނަށްވެސް ރައްކާތެރި އަދި އުފާވެރި މުސްތަގުބަލެއް ހޯދައިދިނުން ކަމަށް ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ނިއުމާތު ޝަފީޤު ވިދާޅުވެއްޖެއެވެ. ނިއުމާތު މިހެން ވިދާޅުވީ ޤައުމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވެވި ޚިޠާބުގައެވެ.
ނިއުމާތުގެ ޚިޠާބުގައި، އާއިލާއާއި ކުދިންގެ ގާތް ރައްޓެހިންނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުދިންނަށް ދިމާވާ ކަންކަމާއި އެކަންކަމާ ގުޅިގެން ކުރެވޭ އިހުސާސްތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވިދާޅުވިއެވެ. އާއިލާއާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތަކީ ކުދިންނަށް އުފާވެރިކަން ލިބޭ، ބޭނުންތެރި ވަގުތުތަކަކަށް ހަދަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“މިސާލަކަށް، ކާ ގަޑިތަކުގައި އާއިލާއާއެކު އެއް މޭޒެއްގައި އެކުގައި ކެއުމާއި، ގޭގައި ހޭދަކުރަން ލިބޭ ވަގުތުތަކުގައި ކަމެއް ނުކޮށް އެކުގައި ތިބެލުމަކީވެސް ދޭދޭ ގުޅުން ރަނގަޅުވެ، ހިތްހަމަޖެހުން ލިބޭކަންކަން،” ނިއުމާތު ވިދާޅުވިއެވެ. ދިރިއުޅުމުގައި ދިމާވާ ކަންބޮޑުވުންތަކަކީ ކުދިން އެކަނި ކުރިމަތިލާންޖެހޭނެ ކަންކަން ނޫންކަމަށާއި، އެކުދިންނަށްޓަކައި އާއިލާއާއި ރަހުމަތްތެރިން އަބަދުވެސް ތިބޭނެކަން ހަނދާންކުރުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުދިންގެ އުފާވެރިކަން ބިނާވެފައިވަނީ އެކުދިން ދިރިއުޅޭ މާހައުލާއި، އާއިލާ އަދި އެކުވެރިންގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމުގެ މައްޗަށް ކަމަށް ނިއުމާތު ވިދާޅުވިއެވެ. ކުދިން ކުރާހިތްވާ އަދި އުފާވެރިކަން ލިބޭ ކަންކަމަށް ވަގުތު ހޭދަކުރުމަކީ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމާއި ހެދިބޮޑުވުމަށް މަގުފަހިވާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ސްކޫލް މާހައުލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނިއުމާތު ވިދާޅުވީ، ސްކޫލަކީވެސް ކުދިންނަށް މިނިވަންކަމާއެކު އިހްސާސްތައް ހިއްސާކުރެވޭ، ރައްކާތެރި ތަނަކަށް ވާންޖެހޭ ކަމަށެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުންގެ މެދުގައި އިހުތިރާމް ކުރުމާއި އެކަކު އަނެކަކަށް އަޅާލުމުގެ ސަގާފަތެއް ބިނާކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ޚިޠާބު ނިންމަވާލައްވަމުން ނިއުމާތު ވިދާޅުވީ، ކޮންމެ ކަމެއް ނިންމުމުގައިވެސް ކުދިންގެ މަސްލަހަތަށް އިސްކަން ދިނުމުގެ ސިޔާސަތެއް އެންމެންވެސް ގެންގުޅެންޖެހޭ ކަމަށެވެ. އަދި ކުޑަކުދިންގެ ދުވަސް ފާހަގަކުރަމުންދާއިރު، އެކުދިންގެ ހައްޤުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

