މާލޭގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ސަރަހައްދުގައި ހުންނަ އޭޓީއެމްއަކަށް މީހަކަށް އޮޅިގެން ދޫކޮށްލެވިފައިވާ ބޭންކް ކާޑެއް ނަގައިގެން، އެކި ތަންތަނުން ވިޔަފާރިކޮށްފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، އޭޓީއެމް ކައިރިއަށް ދޫކޮށްލެވިފައި އޮތް ކާޑެއް ނަގައިގެން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށެވެ. މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ މާފަންނު ޕޮލިސް ސްޓޭޝަނުންނެވެ.
މި ކަމުގައި ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށްޓަކައި، ފުލުހުން ވަނީ އޭނާގެ ވީޑިއޯ ފުޓޭޖެއް އާންމުކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު ތަހުގީގީ މަސައްކަތުން އެ ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާ އަދި ހޯދިފައެއް ނުވެއެވެ.

އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިސް ސްޓޭޝަންގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9660183 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން، ބޭންކް ކާޑެއް ގެއްލިއްޖެ ނަމަ ނުވަތަ އޮޅިގެން ކާޑު ދޫކޮށްލެވިއްޖެ ނަމަ، އެކަން އެނގޭ ވަގުތުން ފެށިގެން ވީ އެންމެ އަވަހަކަށް ކާޑު ބްލޮކް ކުރުމަށް ފުލުހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.

