ސިންގަޕޫރުގައި ބޭއްވި އިންޓަޕޯލް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް (އައި.އީ.އެލ.ޕީ) ގެ ކޯހޮޓް 2025-2026 ގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ސަޢީދު ބައިވެރިވެވަޑައިގެން، އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރައްވައިފިއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ތަންފީޒީ އިދާރާތަކުގެ އިސް އޮފިސަރުންނަށް އަމާޒުކޮށްގެން އިންޓަޕޯލުން އިންތިޒާމުކުރި ޚާއްޞަ ޕްރޮގްރާމެކެވެ.
ޖުމްލަ ހަތް މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ލީޑަރޝިޕް ޕްރޮގްރާމް ބަހާލާފައިވަނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ފިޔަވަހި 2025 ނޮވެމްބަރު 2 އިން 7 އަށް ސިންގަޕޫރުގެ “އިންޓަޕޯލް ގްލޯބަލް ކޮމްޕްލެކްސް ފޯ އިނޮވޭޝަން” ގައި ކުރިއަށްދިޔައިރު، ދެވަނަ ފިޔަވަހި ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ޕްރޮގްރާމްގެ ފަހު ފިޔަވަހި ކުރިއަށްދިޔައީ 2026 މެއި 4 އިން 8 އަށެވެ. މި ބުރުގައި ދުނިޔޭގެ 20 ގައުމަކުން 24 ސީނިއަރ އޮފިސަރުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހަތް އަންހެން އޮފިސަރުންވެސް ހިމެނެއެވެ.
މި ޕްރޮގްރާމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ބޭނުންވާ ލީޑަރޝިޕް ހުނަރުތަކާއި، ސްޓްރެޓީޖިކް ވިސްނުން ތަރައްގީކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ އެއްބާރުލުން ހަރުދަނާކުރުމާއި، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމަށްޓަކައި އީޖާދީ އައު ގޮތްތައް ހޯދުމަށް މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިވެގެންދިޔައެވެ.
ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ބައިނަލްއަގުވާމީ ފުލުހުންގެ ލީޑަރޝިޕް، ޑިޖިޓަލް ޓްރާންސްފޯމޭޝަން އަދި ޕޮލިސިންގ ޑިޕްލޮމަސީ ފަދަ މުހިންމު ދާއިރާތަކަށް ބިނާކޮށް ކެޕްސްޓޯން ޕްރޮޖެކްޓެއް ފުރިހަމަކޮށްފައެވެ. ފަހު ސެމިނާގައި، މި ދިރާސީ ހޯދުންތަކާއި ތަޖުރިބާތައް އަމަލީ ގޮތުން މުއައްސަސާތަކުގައި ތަންފީޒުކުރާނެ ގޮތްތަކާ މެދު ބައިވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި ޒަމާނީ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި ލީޑަރޝިޕް ތަރައްގީކުރުމުގެ މިފަދަ ފުރުސަތުތަކަށް އެ މުއައްސަސާއިން ހާއްސަ އިސްކަމެއްދެއެވެ.

