ހަކުރުބައްޔަށް ބޭނުންވާ އިންސިއުލިން ޕެން އަދި އިންސިއުލިންގެ ސްޓޮކް ރާއްޖޭގައި އެބަހުރި ކަމަށް ސިއްހަތާ ބެހޭ ވުޒާރާއާއި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ މާލޭގެ ބޭސް ފިހާރަތަކުން އިންސިއުލިން ހުސްވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، އިންސިއުލިން ޕެން އާއި އިންސިއުލިން މިހާރުވެސް ބޭސް ފިހާރަތަކުން ލިބެން ހުންނާނެއެވެ. އަދި ރާއްޖެއަށް ބޭސް އެތެރެކުރާ މައި ކުންފުނި، އެސްޓީއޯއިން ވެސް ވަނީ އެ ކުންފުނީގެ ފާމަސީތަކުގައި ހަކުރުބަލީގެ ބޭސްތައް ލިބެން ހުރި ކަމުގެ ޔަގީންކަން ދީފައެވެ.
ބޭސް ނުލިބުމުގެ މައްސަލަތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީއަށް އާސަންދަ އާއި އަލަށް އުފެއްދި ސްޓޭޓް ފާމާ ކުންފުނީގެ ވެރިން ވަނީ ހާޒިރުކޮށްފައެވެ. އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރު ޒީނިޔާ ފާހަގަކުރެއްވި ގޮތުގައި، އާސަންދަ ސްކީމުގެ ދަށުން ބޭސް ފޯރުކޮށްދިނުމަށް ބޮޑު ހަރަދެއް ކުރި ނަމަވެސް، ބޭސް ލިބުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރައްވައެވެ.
ޒީނިޔާ ވިދާޅުވީ އާސަންދައިން ކަވަރޭޖު ދެނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ހުރިހާ ބޭހަކަށް ކަމަށެވެ. ނަމަވެސް، ބޭސް ފިހާރަތައް ރަޖިސްޓްރީކުރާއިރު އަސާސީ ބޭސްތައް ލިބެން ހުރިކަން ކަށަވަރު ނުކުރެވުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއަށް އެއްގޮތަކަށްވެސް އެތެރެނުކުރާ ބޭސްތައް ހުއްދަ ދީފައިވާ ލިސްޓުގައި ހުރުމާއި، އެތެރެކުރުން ހުއްޓިފައިވާ ބޭސްތަކުގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ނުބެލެހެއްޓޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ ގައުމީ މައްސަލައެއްގެ ގޮތުގައި ސިފަކުރައްވަމުން ޒީނިޔާ ވިދާޅުވީ، 800 އަށްވުރެ ގިނަ ފާމަސީ މެދުވެރިކޮށް 3,000 އަށްވުރެ ގިނަ ބޭހަށް އާސަންދައިން ކަވަރޭޖު ދޭއިރު، ބޭސް ނުލިބޭ ސަބަބުތައް ދެނެގަނެ އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށެވެ.

