ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް “އަދަދު” ނޫހުން ނެރުނު “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގައިވާ ގޮތުން، މި ދެ ބޭފުޅުންގެ މައްޗަށް ކުރަނީ ގަޒުފްކުރުމުގެ ކުށުގެ ދައުވާ އެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ވަރުގަދަ އަމުރެއް ނެރެފައެވެ. އެގޮތުން، އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް ކޯޓުން ވަނީ އަންގާފައެވެ. މީގެ އިތުރުން، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި، މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެކެވެ. އެހެންކަމުން، މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް އަންގާފައިވާއިރު، އެފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިފަދަ އަމުރެއް ނެރުނު ސަބަބެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވަނީ އަބުރު ރައްކާތެރިކުރުމާއި، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުނުވާހާ ހިނދަކު އެމީހަކީ ކުށްވެރިއެއް ކަމަށް ނުބެލެވޭނެތީއެވެ. އަދި މިއީ ދައުވާ ލިބޭ ފަރާތުގެ ހައްގާއި ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެސް ކޯޓުން ވިދާޅުވެފައިވެއެވެ.
މި މައްސަލައިގެ ތަހުގީގަށް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކުރުމުން، ދެ ބޭފުޅުން ވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކުރައްވާފައެވެ. ފުލުހުން ވަނީ މީގެ ކުރިން ކޯޓު އަމުރެއްގެ ދަށުން “އަދަދު” ނޫހުގެ އޮފީސް ވެސް ބަލައި ފާސްކޮށްފައެވެ.

