އެޓެންޝަން-ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ ނުވަތަ އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއް ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މަޖިލީހުން މިގޮތަށް ނިންމާފައިވަނީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު 1އަށް އިސްލާހު ގެންނެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހުއެވެ.
މި މައްސަލަ ދިރާސާކޮށްފައިވަނީ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު، އެޑީއެޗްޑީ ހުންނަ ކުދިންނަށް ބޭނުންވާ ބޭހެއްކަމަށްވާ މެތަލްފެނެޑޭޓް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދިނުމަށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ. މަޖިލީހުގެ ތަޅުމުންވެސް މި ނިންމުމަށް ރުހުން ދީފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
މި ބޭސް ރާއްޖެއަށް އެތެރެކުރުމާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުން ދެއްވާފައިވާ ލަފަޔާމެދު ވަޒީރުންގެ މަޖިލީހުގައި މީގެކުރިން ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ ތެރޭގައި މިހާތަނަށް ހިމެނޭ މި ބޭސް، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގައި ހިމެނޭ މަނާތަކެތީގެ ލިސްޓުން އުނިކުރުމަށްޓަކައި ޤާނޫނަށް އިސްލާޙު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ލަފާދީފައެވެ.
މެތަލްފެނެޑޭޓަކީ އޭޑީއެޗްޑީ ހުންނަ ކުދިންނަށް ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ މުހިއްމު ބޭހެކެވެ. އޭޑީއެޗްޑީއަކީ ތުއްތުއިރު ފާހަގަކުރެވޭ ހެދިބޮޑުވުމުގެ އެންމެ އާންމު އެއް ޙާލަތަށް ވާއިރު، ބޭހާއި އެކި ތެރަޕީތަކުގެ އެހީގައި އެކަމުގެ ޢަލާމާތްތައް ކުޑަކުރެވޭކަން ފަހުގެ ދިރާސާތަކުން ދައްކައެވެ.
ކަމާބެހޭ އިދާރާތަކުން ވިދާޅުވާ ގޮތުގައި، މި ބޭސް ރާއްޖެއަށް އެތެރެކުރަން ފެށުމުން އޭޑީއެޗްޑީ ހުންނަ ކުދިންގެ ފަރުވާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، އެކުދިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް މަގުފަހިވެގެންދާނެއެވެ.

