ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅު އުތުރުބުރީގެ މެންބަރު ކަމާއި ވިލިނގިލި ދާއިރާގެ މެންބަރުކަން ކުރެއްވި، މުހައްމަދު ރާމިޒް އަވަހާރަވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ފަރާތުން ރާމިޒްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. މަޖިލީހުގައި ގެނައި މި ސުކޫތަކީ ގައުމަށް ހިދުމަތްތަކެއް ކުރެއްވި ކުރީގެ މެންބަރެއްގެ ޒިކުރާ އާކުރުމުގެ ގޮތުން ގެނައި ސުކޫތެކެވެ.
މުހައްމަދު ރާމިޒަކީ 15 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅު އުތުރުބުރީގެ މެންބަރުކަމާއި، އެ މަޖިލީހުގެ މެންބަރުކަމުގެ ހައިސިއްޔަތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭނާ ވަނީ ވިލިނގިލި ދާއިރާގެ މެންބަރުކަން ވެސް ފުރުއްވާފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު މުހައްމަދު ރާމިޒް އަވަހާރަވެފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.

