އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން މިއަދު ރާއްޖޭގައި ރަސްމީކޮށް ފަށައިފިއެވެ. މިއީ މި ކޮމިޝަނުގެ އަހަރީ ބައްދަލުވުމެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދާ މި ބައްދަލުވުމުގައި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން 200 އަށްވުރެ ގިނަ މަންދޫބުންނާއި، މަސްވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވައެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމްއާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަތެވެ.
ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، މިނިސްޓަރު އަޙްމަދު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެމެހެއްޓެނިވި އަދި ޒިންމާދާރު ގޮތެއްގައި މަސްވެރިކަން ބެލެހެއްޓުމަށް ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އެއްބާރުލުމާއި، ސައިންސުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ މުހިންމުކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކަނޑުމަހުގެ ވަސީލަތްތައް ބެލެހެއްޓުމުގައި، އަތިރީމަތީ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އަޑުތަކާއި އެ ޤައުމުތަކުގެ ހާލަތްތައް ބަލައިގަތުމުގެ މުހިންމުކަމަށް ބާރުއެޅުއްވިއެވެ. “މި ކޮމިޝަނުން ކުރިއަށްގެންދާ މަޝްވަރާތަކަކީ ނަތީޖާ ނެރެވޭނެ، ބިނާކުރަނިވި މަޝްވަރާތަކަކަށް ހެދުމަށް އެދިވަޑައިގަންނަވަން،” މިނިސްޓަރު ވިދާޅުވިއެވެ.
އައި.އޯ.ޓީ.ސީގެ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، މަސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ ކަނޑުތަކުގެ ހިންގުމުގައި ރާއްޖޭގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދެއްވާ ޚާއްޞަ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެކެވެ. މިއީ ސަރަޙައްދީ ފެންވަރުގައި މަސްވެރިކަމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ރާއްޖެއިން އަދާކުރާ އިސްދައުރު ހާމަކޮށްދޭ މުހިންމު ފުރުޞަތެކެވެ.
އައި.އޯ.ޓީ.ސީއަކީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކާއި، އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން އެ ވަސީލަތްތައް ބެލެހެއްޓުމުގެ ޒިންމާ އުފުލާ ސަރަޙައްދީ މަސްވެރިކަމުގެ މައި އިދާރާއެވެ.

