“އަދަދު” ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ޖިނާއީ ތަހުގީގާއި އެ މައްސަލާގައި އެ ނޫހުގެ ދެ ވެރިއެއްގެ މައްޗަށް އުފުލުނު ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެކަމަކީ ސަރުކާރުން ކުރާ ކަމެއް ނޫން ކަމަށާއި، ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ޝަރުއީ ދާއިރާއިން ކުރާ މަސައްކަތް އެ ދާއިރާއިން ކުރިއަށް ގެންދާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށާއި، އެ ވީޑިއޯ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގައި ގެނެސްދީފައިވާ ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށްވެސް އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އެއަމުރު އެހެން އޮއްވައި، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި “އަދަދު” ނޫހުގެ ނޫސްވެރިޔާ ޝަހުޒާން، ކޯޓު އަމުރުގެ ދަށުން ވާހަކަ ދެއްކުން މަނާކޮށްފައިވާ މައުޟޫއަށް ސުވާލު ކުރުމުން، ވަގުތުން ރައީސް ވަނީ އެއީ ކޯޓު އަމުރާ ހިލާފު އަމަލެއްކަން ފާހަގަކުރައްވައި، އޭނާ މާލަމުން ބޭރުވުމަށް އަންގަވާފައެވެ. ރައީސް ވިދާޅުވީ ޝަހުޒާން އެ އަމަލު ކުރެއްވީ ކޯޓު އަމުރާ ހިލާފަށް ކަމަށާއި، ރައީސް އޮފީހަކީ ކޯޓު އަމުރުތަކަށް އިހުތިރާމް ކުރަންޖެހޭ ތަނެއް ކަމަށެވެ.
“މިހާރު ކޯޓުން އެއޮތީ ގެގް އޯޑާއެއް ނެރެފަ، ޝަހުޒާން ތިވަނީ މިހާރު ކޯޓު އަމުރާ ހިލާފުވެފަ. އެހެންމަ އަޅުގަނޑު އެދެނީ ޝަހުޒާން މި މާލަމް ދޫކޮށް ވަޑައިގަންނަވަން،” ރައީސް
ޑޮކިއުމެންޓްރީގައި ކުރާ ތުހުމަތުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު ތުހުމަތުތައް އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މިއީ ސިއްރުކޮށްގެން ކުރިއަށް ގެންދާ ޝަރީއަތެއް ކަމަށާއި، މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށެވެ.

